މަންދު ކޮލެޖް ހިންގާ އިމާރާތަށް ނުވަނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓޫން މިގޮތަށް އަމުރުކުރީ، މަންދު ކޮލެޖް ހިންގަމުންދާ ކުރީގެ އެމްއީއެސް ހިންގި އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެ ކޮލެޖަށް އަންގާފައިވާ އެންގުމަކީ ބިރުދެއްކުމަށް ދީފައިވާ އިންޒާރެއްކަމަށްބުނެ، އެ އެންގުމަކީ ޤާނޫނާއި ޚިލާފް، ބާޠިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަަށް އެ ކޮލެޖުން މިއަދު ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ މިއަދު މެންދުރުފަހު 3 ޖެހުމުގެ ކުރިން އެ އިމާރާތް ހުސްކުރަން ޖެހޭނެ ކަމަށާ، އެކަން އެގޮތަށް ނުކޮށްފިނަމަ މިނިސްޓްރީއިން އެތަނަށްވަދެ، އެތަން ހުސްކުރާނެ ކަމަށް މަންދު ކޮލެޖަށް އަންގާފައިވާ ކަމަށެވެ. އަދި އިމާރާތް ހުސް ކުރާ އިރު ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް އެޑިއުކޭޝަނުން އަންގާފައިވާ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
އޭގެ ޖަވާބުގައި، ޝަރީއަތުގެ އަމުރެއް ނެތި އެތަނަށް ވަދެގެން ނުވާނެކަމަށާއި، ތަން ހުސްކުރާއިރު ޒިންމާ ނަގަން ޖެހޭނެކަމަށް އަންގާފައިވާ ކަމަށް އިބްރާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ނޫޅެން އެތަން ހުސްކާރަކަށް. ހުސްކުރާކަށް ގަސްދެއްވެސް ނުކުރަން ޝަރީއަތުން އަންގަވައިފިއްޔާ ނޫނީ. ޝަރީއަތުން އެންގެވީމާ ހުސްކުރަންތާ ޖެހޭނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެތަން ހުސްކުރަން ޖެހޭނެ ކަމަކަށް. އެގްރިމެންޓާއި މުޅިން ހިލާފަށް މިނިސްޓްރީން އެ ކަންތައް ކުރައްވަނީ،” އިބްރާ ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތާރީޚަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީއިން އެގްރިމެންޓް ބާޠިލް ކުރަން ނިންމާފައިވަނީ 2009 ވަނަ އަހަރު އެ އިމާރާތުގައި ސްކޫލެއް ނުހިންގާ ކަމަށް ބުނެ ކަމަށާއި ނަމަވެސް ކަން އޮތީ އެހެން ނޫން ކަމަށެވެ. އިބްރާ ވިދާޅުވީ 2009 ވަނަ އަހަރު އެ އިމާރާތުގައި ސްކޫލެއް ހިންގި ކަމަށާއި ސްކޫލް ހިންގަން ހަވާލުވެ ތިބީވެސް އެމްއީއެސްގެ މަސްއޫލު ވެރިން ކަމަށާއި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ނޫންކަމަށެވެ.
އިބްރާ ވިދާޅެވެފައިވަގޮތުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑް އިން އެތަނާއި ހަވާލުވެފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި އެހެން ކަމުން 2009 އަހަރު އެ ބޭފުޅުން ކުރާނެ ކަމެއް އެތާ ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޑިއުކޭޝަނުން މަންދު ކޮލެޖާ އެކު މަޝްވަރާ ކުރެވެމުން ދާކަމަށް މީޑިއާގައި ބުނެފައިވާނަމަވެސް، އެޑިއުކޭޝަނުން މަޝްވަރާކުރަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ލިޔުމުން މަންދަށް އަންގާފައިވާ ކަމަށްވެސް އިބްރާ ވަނީ މިއަދު މީޑިއާގައި ވިދާޅުވެފައެވެ.
“އެބޭފުޅުން ސިޓީ ފޮނުވަނީ ތަން ހުސްކުރާނެ ގޮތުގެ ތާވަލެއްގެ ވާހަކަ ދެއްކުމަށް އަންނާށޭ. އެއަށް އަޅުގަނޑުމެން ޖަވާބު ދީފަ އޮންނާނީ ތަން ހުސްކުރާކަށް ނުޖެހެޔޭ. ތަން ހުސްކުރަންޖެހޭ ހާލަތެއް އައިސްފިއްޔާ ވާހަކަ ދެއްކުމަށް މިތިބީ ތައްޔާރަށް. ހުސްކުރަން ޖެހިއްޖެނަމަ ވާހަކަ ދައްކަން ދާނޭކަމަށް ބުނެފައިވާނީ. މި މަރުހަލާއަކު އެކަމާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނޯންނާނެ ނޫންތޯ،” އިބްރާ ވިދާޅުވެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުވެސް އެ އިމާރާތް ހުސްކޮށް ހަވާލުކުރުމަށް މަންދު ކޮލެޖަށް އަންގާފައެވެ. ނަމަވެސް އެތަނުގައި ކިޔަވަމުންދާ އެތައް ދަރިވަރުންނެއްގެ ޙައްޤުތަކަށް އުނިކަމެއް އަތުވެދާނެތީ މިހާރު ކުރިއަށްދާ ސެމިސްޓާ ނިމެންދެން އެތަން ހުސްކުރުން ފަސްކޮށްދިނީ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
މަންދު ކޮލެޖަށް ނުވަނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ