ޠާލިބާން ޖަމާޢަތުގެ ވެރިޔާ މުއްލާ އުމަރު ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރި ކަމަށް ބުނެފި

އަފްޣާނިސްތާންގެ ޠާލިބާން ޖަމާޢަތުގެ އެންމެ އިސްވެރިޔާ މުއްލާ މުހަންމަދު އުމަރު ގަދަވެ ސަލާމަތުން އަދިވެސް ދުނިޔޭގައި އެބަހުރި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ޠާލިބާން ޖަމާޢަތުން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ޠާލިބާން ޖަމާއަތުގެ ވެރިކަމުގައި މުއްލާ އުމަރު 19 އަހަރު ހޭދަކުރުން ފާހަގަކުރުމަށް ޠާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުއްލާ އުމަރު އެޖަޢާތަކާ ބަރާބަރަށް ގުޅާ ކަމަށާއި، އަފްޣާނިސްތާނުގައި ހިނގާ ކަންކަން ދުވަހުން ދުވަހަށް ބަލާ ކަމަށެވެ. އަދި އަފްޣާނިސްތާނުން ބޭރުގައި ހިނގާ ކަންކަންވެސް އޭނާ ބަލަމުންދާ ކަމަށެވެ.
ޠާލިބާނުން ނެރުނު ބަޔާން، އެމީހުންގެ ވެބްސައިޓެއްގައި ހަތަރު ބަހަކުން ޝާއިޢު ކޮށްފައި ވެއެވެ.
އަފްޣާނިސްތާނުގެ ޠާލިބާން ޖަމާޢަތުގެ ވެރިޔާ މުއްލާ އުމަރަކީ ޙަމަލާއެއްގެ ސަބަބުން އެއްލޯ ނެތިފައިވާ މީހެކެވެ. އޭނާ އާންމުކޮށް ނުފެންނަތާ އެތައް ދުވަހެއް ވެފައިވާތީ، އޭނާ މަރުވެއްޖެ ކަމަށް ނުވަތަ ވަރަށް ބޮޑަށް ބަލިވެ އުޅެނީ ކަމަށް ވާހަކަތައް ފެތުރިފައި ވެއެވެ.
މުއްލާ އުމަރު އާންމުކޮށް ނުފެނި ގެއްލިފައިވަނީ 2011 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރިފަހުންނެވެ. މުއްލާ އުމަރުގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅާފައި ވެއެވެ.
އެމެރިކާއާއި، ހުޅަނގުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު، ޠާލިބާނުން ގެންދަނީ އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި އެމީހުންގެ ބާރު ގަދަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ