ރިލްވާންގެ މައްސަލައިގެ ހަގީގަތް ހޯދާނެކަން އޭނާގެ އާއިލާ އަށް އުމަރު ޔަގީންކޮށްދެއްވައިފި

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމައާއި އާއިލާއާ ބައްދަލުކޮށް މިމައްސަލައިގެ ހަގީގަތް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު އަންގާރަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާންގެ މަންމަ އާއި އާއިލާ އާއި ބައްދަލުކޮށް ރިލްވާނުގެ މައްސަލައިގެ ތެދު ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުން ނުފޮރޮޅާނެ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އެ މައްސަލައިގަ މީގެ ކުރިން ވެސް ހޯމް މިނިސްޓަރާއި އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު ވެސް ވިދާޅުވެފައި ވަނީ ރިލްވާންގެ މައްސަލައިގަ ނުފޮރޮޅާނެ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ.
ރިލްވާންގެ އާއިލާ އާއި ގާތް ބައެއް ރައްޓެހިން ބުނާ ގޮތުން ރިލްވާން ގެއްލިފައި ވަނީ ބަޔަކު މީހުން ރާވައިގެން އޭނާ ރަހީނުކޮށް "ގެއްލުވާލާފައިވުމުން" ނެވެ. ރިލްވާން ރަހީނުކޮށް ވަގަށް ނަގައި ގެއްލުވާލާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރާއިރު އޭނާ ހުޅުމާލޭގައި ދިރިއުޅުނު ފްލެޓަށް ގްރޫޕަކުން ވަދެ މީހަކު ގަދަކަމުން ބޭރުކޮށް ކާރަކަށް އެރުވި މަންޒަރު ވެސް ބައެއް ފަރާތްތަކަށް ފެނިގެން އެކަން ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް ރިލްވާން ދިރިއުޅުނު ފްލެޓުން، އޭނާ ގެއްލުނު ކަމަށް ބުނާ ދުވަހާ ދިމާކޮށް ގްރޫޕަކުން "ވަގަށް ނަގައިގެން ދިޔައީ" ވެސް ރިލްވާން ކަމެއް ނޭނގެ އެވެ. ފުލުހުންނަށް އެ މައްސަލާގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާކަން އާންމުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ