މުލި މާލެ އިން ފެން ކެނޑުމުން ރައްޔިތުން އިހްތިޖާޖު ކުރަންޖެހޭނެ: ނަޝީދު

މުޅި މާލެ އިން ފެން ކެނޑިފައިވާތީ ރައްޔިތުން އިހްތިޖާޖު ކުރަންޖެހޭ ކަމުގައި ކުރީގެ ރައީސް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
މުޅި މާލެއިން އިއްޔެ ފެން ކެނޑުނު ވަގުތުވެސް އަދި މިހާރުވެސް ނަޝީދު ހުންނެވީ އުތުރަށް ކުރައްވާ ދަތުރުފުޅެއްގައި ހއ. ދިއްދޫގަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވެރިކަން ކުރައްވަނީ ޣައިރު ހާޒިރުގައި ކަމަށެެވެ. ނަޝީދު އެ އިޝާރަތް ކުރައްވަނީ ރައީސް ޔާމީން މިވަގުތު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށެވެ.
ނަޝީދު ވިދާޅުވީ "ސަރުކާރުގެ އިހްމާލުން މާލެ ފެނަށް ޖެހި ރައްޔިތުން ނުރައްކާތެރި ހާލަތަކަށް" ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެއީ އިހްތިޖާޖު ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
މުޅި މާލެއިން ފެން ކެނޑުމާއި ގުޅިގެން އެމައްސަލަ ހައްލުކުރުމަށް އިންޑިއާ ސަރުކާރުން އެހީތެރިވަމުން ގެންދަވާތީ ނަޝީދު ވަނީ އިންޑިއާ ރައްްޔިތުންނަށާއި ސަރުކާރަށާއި އިންޑިއާގެ އަސްކަރިއްޔާއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މުލި މާލެ އިން ފެން ކެނޑިފައިވާތީ ރައްޔިތުން އިހްތިޖާޖު ކުރަންޖެހޭ ކަމުގައި ނަޝީދު ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާރިސާގެ ހާލަތުގައި ރައްޔިތުން އެކަކު އަނެކަކަށް އެއްބާރުލުންދީ ކެތްތެރިކަން އިސްކުރުން މުހިއްމު ކަމަށެވެ. ގައުމީ ކަންކަމުގައި ހުންނަންވާނީ އެއްވިސްނުމެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ