އާފިޔާގެ ވަކީލަކަށް ކްރިމިނަލް ކޯޓުން ޝަމީމް ބަލައެއް ނުގަތް

މުހައްމަދު އިބްތިހާލު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާފިޔާ މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ބަަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އިބްތިހާލު މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޝަމީމް ބަލައިނުގަތުމަށް ނިންމީ، ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ 14 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެމާއްދާގައި ބުނެފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުން، ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށެވެ. އަދި މަގާމުން ވަކިވުމަށް ފަހުވެސް ވަކި މުއްދަތެއް ވަންދެން އެފަދަ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.
އެ އުސޫލުގެ 14 ވަނަ މާއްދާގެ (4) ގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމާއި، އޭނާގެ ނައިބްކަން ކޮށްފައިވާ ބޭފުޅަކު މަގާމުން ވަކިވިތާ ތިން އަހަރު ތެރޭގައި ޖިނާއީ އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެކަމަށެވެ.
އާފިޔާގެ ގާނޫނީ ވަކީލުކަމާއި ޝަމީމް ހަވާލުވެވަޑައިގެންނެވުމަށްފަހު ވީނިއުސްއަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާފިޔާގެ ގާނޫނީ ވަކީލް ކަމާ އޭނާ ހަވާލުވީ ޖިނާއީ މައްސަލަތަކުގައި ވަކީލަކު ހަމަޖައްސަން އުދަގޫވާ ފަރާތްތަކަށް ވަކީލަކު ހަމަޖައްސައިދިނުމަށް ބަންޑާރަނައިބު އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ވަކީލަކަށް އޭނާ ވާތީ އެ ޕްރޮގްރާމްގެ ތެރެއިން ލިބުނު ފުރުސަތެއްގައި ކަމަށެވެ.
ޝަމީމް ވިދާޅުވީ ކުށެއްގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ވެސް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް އިސްލާމް ދީން ވެސް ބާރު އަޅާފައިވާތީ އޭނާ އާފިޔާގެ ގާނޫނީ ވަކީލް ކަމާއި ހަވާލުވެވަޑައިގެންނެވީ އާފިޔާއަށް އެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ އެއީ އާފިޔާ ދިފާއުކުރަން ކުރާ ކަމެއްގެ ގޮތުގައި ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ