ކެޕޭސިޓީގެ އެއްވެސް މައްސަލައެއް ދިމާވެގެން ފެނަކައިން ހިދުމަތްދޭ އެއްވެސް ރަށަކުން މިހާރު ކަރަންޓު ނުކެނޑޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ނ. މަގޫދޫގެ އާ އިންޖީނުގެ ހުޅުވުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު މިއަދު ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ހިތްދަތި އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނު ކަމަށެވެ. އެގޮތުން މީގެ ކުރިން ހުކުރު ދުވަހާއި ރޯދަ މަހު ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅުއްވައި ކޮންމެވެސް ރަށެއްގެ ކަރަންޓުގެ ހާލަތު ބައްލަވަން ޖެހިވަޑައިގެންނެވި ދުވަސްތަކެއް ދިޔަ ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު އެކަން ހައްލުވެ ސަރުކާރުގެ އިދާރާތަކާއި ރައީސްގެ ފޯނުކޯލްތައް ނުލިބޭތީ ފޫހިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި ފެނަކައިގެ ހިދުމަތްދޭ އެއްވެސް ތަނަކުން ކެޕެސިޓީގެ މައްސަލައެއްގައި ނުވަތަ ފެނަކައިގެ މުވައްޒަފުންގެ ފަރުވާކުޑަވެގެން ކަރަންޓް ކެނޑިގެން ނުދާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވެވި އެވެ.
"އެހެން ނަމަވެސް ކަރަންޓަކީ ކެނޑިދާނެ އެއްޗެއް. ނިއުޔޯކްގައިވެސް ސިންގަޕޫރުގައި ވެސް ކެނޑިދާނެ. ހަމައެކަނި އޮތް ކަމަަކީ އެކަމަށް ގަވައިދުން ކުރަން ޖެހޭ މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެ މައްސަލައެއް ހައްލުކޮށްދިނުމަށް ހާޒިރުވެ އެކަން ކުރުން. ފެނަކައިގެ އެ ގާބިލުކަން މިއަދު އެބަހުރި." ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ ސައްތައިން ސައްތަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވުނު ހަމައެކަނި ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު މިހާރު ފުރިހަމަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމް ސައީދުއާ މީގެ ކުރިން ކުރިމަތިކުރެއްވި ސުވާލަކަށް ވެސް ސައީދުގެ ވާހަކަފުޅުގައި ޖަވާބުދެއްވެވި އެވެ.
"އަސްލަމް އަޅުގަނޑަށް [ކުރިން ކުރިމަތިކުރެއްވި ސުވާލު] މިހާރުވެސް އާލާވޭ. ކަލެއަކީ މިކަމަށް ގާބިލު މީހެއްކަން ރައްޔިތުންނަށް ހާމަކޮށްދެވިދާނެ ހެއްޔޭ. އަޅުގަނޑަކަށް ނޭނގެ ވަޒީރު އެހެން ވިދާޅުވީ ކޮން ވިސްނުމެއްގައި ކަމެއް. އަޅުގަނޑު އެއަކަށް ދޭނެ ޖަވާބެއް ނެތް. އަަޅުގަނޑު އޭގެ ޖަވާބު ރައީސްއަށާއި ވަޒީރަށް ދޫކޮށްލާނީ." ސައީދު ވިދާޅުވި އެވެ.
ފެނަކައިގެ މައްސަލައެއްގައި އެއްވެސް ރަށަކުން މިހާރު ކަރަންޓް ނުކެނޑޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ