ފުވައްމުލަކު ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެ

ފުވައްމުލަކު ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ރޭ ފަތިހުން ފެށިގެން ފުވައްމުލައް ސިޓީގެ ޓްރާންސްފޯމަރެއްގައި މައްސަލަ ޖެހުމުގެ ސަބަބުން ފެނާއި ކަރަންޓުގެ ހިދުމަތް އެ ސިޓީގެ ބޮޑު ބަޔަކަށް ވަނީ ކެނޑިފައެވެ. ފެނަކައިން ވަނީ އެ މައްސަލަ ހައްލުކުރަން 24 ގަޑިއިރު ވަރު ވެދާނެކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާކަމަށް ފެނަކައިން ވަނީ މިއަދު ބުނެފައެވެ. އަދި މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ކުރަން ޖެހޭ ބޭނުންތައް އެކަނި ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. ގާތްގަނޑަކަށް 11،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި އެއްކޮށް ފެނާއި ކަރަންޓު ނުކެނޑުނު ކަމުގައި ވިޔަސް، 80 ޕަސަންޓު ސަރަހައްދުތަކަށް ވަނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައިގެ ސަބަބުން ރޭ ފަތިހުން ފެށިގެން ފެނާއި ކަރަންޓު ކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ