ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ މަގާމު ތަކަށް މީހުން ތަމްރީނު ކުރުމަށް އިސްކަން ދޭންޖެހޭ: ނައިބު ރައީސް
ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރޭ ވިލާ ކޮލެޖުގެ 'ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް' ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު ނަފާއެއްލިބޭ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި، އެހެން ނަމަވެސް އެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތައުލީމީ ދާއިރާއަށް މިހާ ބޮޑު ސަމާލުކަމެއް ދެނީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތައުލީމީ ގާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެން ކަމަށް ވާތީ ކަމަށެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ތަރައްގީގެ ކޮންމެވެސް މަސައްކަތެއް ނުހިންގާ އެއްވެސް ރަށެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހަފުލާގައި ނައިބު ރައީސް ވަނީ ވިލާ ކޮލެޖުގެ ސާދަ އަހަރުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވިލާ ކޮލެޖުން ކުރަމުން އަންނަ ބުރަ އަދި މަތިވެރި މަސައްކަތަށް ތައުރީފުކުރައްވާ އެކޮލެޖުގެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް' ހަފުލާއަށް ނައިބު ރައީސް ވަޑައިގަންނަވަނީ -- ފޮޓޯ/ ތައީސް އޮފީސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މީހުން ބަލައިގަންނަ ފަދަ ކާމިޔާބީއެއް ހާސިލުވާނީ ނުހަނު ބުރަ މަސައްކަތުންކަމަށާއި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަމުގައި ފާހަގަކުރައްވާފައެވެ. ހަމައެއާއެކު މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމައުގައި އުޅޭއިރު މީހުންނަށް އިހްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް ބާރުއަޅުއްވާފައެވެ. ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ހަފުލާގައި ނައިބު ރައީސް ވަނީ "ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް" ހާސިލު ކުރި ބައެއް ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. "ޤާސިމް އިބްރާހިމް އެވޯޑް ފޯރ އެކްސެލެންސް" ހާސިލުކުރި ދަރިވަރަކަށް އެވޯޑް ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް މި ހަފުލާގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ