ހިޔާ ޓަވަރު: މާދަމާ ކަރަންޓް ދޭނީ 5 އަދި 6 އަށް

ހިޔާ ޓަވަރު 5 އަދި 6 އަކަށް މާދަމާ ކަރަންޓް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 5 އަދި 6 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށެވެ. އަދި އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ހާޒިރުވުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.
އެޗްޑީސީން ބުނީ ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައި ވާއިރު 17 ވަނަ ދުވަހު ކަރަންޓު ދީފައި ވަނީ H15 އަދި H16 ވަނަ ޓަވަރަށް ކަމަށެވެ.
އަދި 18 ވަނަ ދުވަހު ކަރަންޓް ދީފައިވަނީ 11 އަދި 12 ވަނަ ޓަވަރަށެެވެ. މީގެއިތުރުން 19 ވަނަ ދުވަހު ޓަވަރު 7 އަދި 8 ވަނަ ޓަވަރަށް މިއަދު ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ.
މިއަދު ކަރަންޓް ދިނުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރުގެ 3 އަދި 4 ވަނަ ޓަވަރަށެވެ. އެހެންނަމަވެސް ހިޔާ ފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓް ތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓް ދިނުން ފަސްކޮށްފައެވެ. އެގޮތުން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް ވަނީ މެދުކަނޑާލާފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން ހަވީރު 5 އަކަށް ކުރިޔަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ