ފްލައިޓް ޓްރެއިނިން ސްކޫލް ހިންގުމަށް ގަން އެއަރޕޯޓުގެ ވަޞީލަތްތައް ބޭނުންކުރަނީ

އައިލެންޑް އޭވިއޭޝަނުން ފެށުމަށް ތައްޔާރުވަމުންދާ ފްލައިޓް ޓްރެއިނިންގ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ސޮއިކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީ.އައި.ޕީ ލައުންޖުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފްލައިޓް ޓްރެއިނިންގ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެވުނު "ފެސިލިޓީޒް ލީޒް އެގްރީމެންޓް"ގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރެވެ.
މި އެއްބަސްވުމުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ހެނގަރާއި، އޮފީސް އިމާރާތެއް ފްލައިޓް ފްލައިން ސްކޫލް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.
އައިލެންޑް އޭވިއޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފްލައިޓް ޓްރެއިނިންގ ސްކޫލެއް ހިންގުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
މި ފްލައިޓް ޓްރެއިނިން ސްކޫލް ހިންގުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ މި ފްލައިޓް ޓްރެއިނިންގ ސްކޫލް ހިންގުމަށް ހަވާލުކޮށްފައިވަނީ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. އެ އެކަޑަމީއާއި ސްކޫލް ހިންގަން ޙަވާލުކުރަން ނިންމާފައިވަނީ އޯޕަން ޓެންޑަރިންނަށް ހުޅުވާލުމުން ލިބުނު ޕްރޮޕޯސަލްތަކަށް ބަލާ، މަސައްކަތުގެ ކޮލެޓީއާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.
އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، ޗެކްރިޕަބްލިކްގެ ފްލައިންގ އެކަޑަމީއަކީ އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީންކުރުމުގައި 30 އަހަރުވެފައިވާ، ތަޖުރިބާހުރި އެކަޑަމީއެއްކަމަށެވެ. އަދި މި އެކަޑަމީން މިހާރުވެސް ދިވެހި ދަރިވަރުން ތަމްރީންކުރަމުންދާކަން އެކުންފުނިން ފާހަގަކުރެއްވިއެވެ. އަމާޒަކީ އަލަށް މި އުފައްދާ ޓްރެއިނިންގ ސްކޫލުން ހަމައެކަނި ޕައިލެޓުން ތަމްރީންކުރުމުގެ ބަދަލުގައި އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ތަފާތު ހުނަރުގެ ދިވެހިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުންކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ.
އަލަށް އުފައްދާ މި ފްލައިޓް ޓްރެއިނިންގ ސްކޫލުގެ ކިޔެވުން މިއަހަރު ނިމެންވާއިރަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުމޫލާތުދެއެވެ. އަދި މި ޓްރެއިނިންގ ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށްކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށްވެސް ދެވެންހުރި ލުއިތައް ދެމުންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ