ސްކޫލް ނިންމާލާއިރު މުޖުތަމައުއަށް ފައްކާވާން ޖެހޭނެ: ނައިބު ރައީބް

ސްކޫލް ނިންމައި މުޖުތަމައަށް ނުކުންނައިރު، ދަރިވަރުންނަކީ މުޖުތަމައުއަށް ފަށްކާވެފައިވާ ދަރިވަރުންތަކަކަށް ވާންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިތުރުން ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދަރިވަރުން ސްކޫލް ނިންމައި މުޖުތަމައަށް ނުކުންނައިރު ދަރިވަރުންނަކީ މުޖުތަމައަށް ފައްކާވެފައިވާ ދަރިވަރުން ތަކަކަށް ވާންޖެހޭނެކަމުގައެވެ.
އަދި ކިޔެވުމާއި ކަންކަން ދަސްކުރުމާއި ރަނގަޅު ހެޔޮގޮތުގައި ކަންކަން ބަލައި ދިރާސާ ކުރުމާ އަދި އަނެއް މީހާ ތިމާއަށް އިހުތިރާމް ކުރާ މިންވަރަށް ކަންކަން ދަސްކުރަން ޖެހޭކަމަަށެވެ.
އަދި މިއަދު ކޮންމެ ދަރިވަރަކުވެސް މަގުމަތީގައި ހިނގާބިގާވެ އުޅުމުގައާއި ދުއްވާ އެއްޗެއްގައި އުޅުނު ކަމުގައިވިޔަސް އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމުގައި ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ ތަނެއްކަމާއި މިހާރަށްވުރެ އިތުރަށް ރައްޔިތުން ޓްރެފިކަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި ރައްޔިތުން ހޭލުންތެރިކޮށް މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރަން ޖެހޭކަމަށްވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންނަށް މިއީ އެންމެ ރަނގަޅު އެއް ޕްރޮގްރާމްކަމާއި މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުންނަކީ ހެޔޮލަފާ ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތްކުރާ ކުދިންތަކަކަށްވުމަށް ނައިބު ރައީސް އެދިލެއްވިއެވެ.
އަދި މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް، ގައުމީ ފެންވަރުގައި ދިވެހި ފުލުހުންގެ ހިދުމަތާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުން ވާންޖެހޭނީ މި ޕްރޮގްރާމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ދަރިވަރުން ތަކަކަށް ކަމަށެވެ. އަދި ސްކޫލާއި ސްކޫލުން ބޭރުގައިވެސް ނަމޫނާ ދަރިވަރުން ތަކަކަށް ވުމަށާއި މި ޕްރޮގްރާމުން ދަސްވި ކަންކަމުން އަމަލީ ނަތީޖާއެއް ދައްކައި ކޮންމެ ކުއްޖަކުވެސް ފަރުދީ ޒިންމާ އެއްގެ ގޮތުގައި ދެކިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދިނުމަށާއި، މަގުމަތީގެ ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދަރިވަރުންނަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ.
އަދި މަގުމައްޗަކީ މުޖުތަމައެއްގައި ވަޒަންވެރިވެ ދިރިއުޅޭ ރައްޔިތުންނާއި އެ މުޖުތަމައަކަށް ޒިޔާރަތްކުރާ އެންމެން ވަކި ހާއްސަ ބޭނުންތަކެއް ކުރަން އޮންނަތަނެއް ކަމަށާއި މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމައި، މަގު ބޭނުންކުރާ އެންމެނަށްވެސް ފަސޭހައަށްޓަކައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ މީގެ އަށް އަހަރު ކުރިން ފަށާފައިވާ ޕްރޮގްރާމެއް ކަމަށްވާއިރު އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޣިޔާޘުއްދީން ސްކޫލުގައެވެ. އަދި މާލެއާއި އަތޮޅުތެރޭގައި މިފަދަ 45 ޕްރޮގްރާމު މިހާތަނަށް ކުރިއަށް ގެންގޮސްފައިވެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި މި ޕްރޮގްރާމުން ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވާއިރު. ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތު ދިނުމުގެ އިތުރުން، ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ވަނީ މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދީފައިވެއެވެ.
އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާ އަދި އަރަބިއްޔާ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލް ހިމެނޭހެން 88 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އަދި 2014 އިން މި އަހަރުގެ މިހާތަނަށް، މާލެއިން 451 ދަރިވަރުންނާއި އަތޮޅު ތެރެއިން ޖުމްލަ 999 ދަރިވަރުން ހިމެނޭހެން ޖުމްލަ 1450 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް މިހާތަނަށް ވަނީ ފުރިހަމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ