އެމްޑީޕީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި އަސްލަމް ޝާކިރު ނަން އަނބުރާ ގެންދަވައިފި

އަންނަ މަހު 30 ގައި ބާއްވާ އެމްޑީޕީގެ އިންތިހާބުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރުގެ ނަން އަނބުރާ ގެންދަވައިފި އެވެ.
އޭނާ މިއަދު ވިދާޅުވި ގޮތުގައި ނަން އަނބުރާ ގެންދެވީ ތަފާތު ސަބަބުތަކާ ހެދި ނަމަވެސް އެންމެ ބޮޑު އެއް ސަބަބަކީ ކެމްޕޭނަށް ނުކުންނަވައި ދައްކަވާ ވާހަކައަކާ ގުޅިގެން އޭނާއާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށް ގަބޫލުކުރެއްވޭތީ އެވެ. އޭގެ އިތުރުން އޭނާ އެކު އެ މަގާމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ފުޅާ ދާއިރާއެއްގައި ތާއީދުކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންތިހާބުގައި މިހާރު އަލްހާންއާ ވާދަކުރައްވާނީ ހުސެއިން އާދަމް އެވެ.
"އަޅުގަނޑަށް ވުރެ ގާބިލް މީހުން ވެސް އެބަތިބި. އެގޮތުން އަލްހާން އަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް. ދޭތެރެދޭތެރެއިން އަޅުގަނޑު ގާތު އެދިވަޑައިގަންނަވާ އޭނަ އަށް ތާއީދުކޮށްދިނުމަށް. އެހެންވީމަ އަޅުގަނޑު ބޭނުންވީ ނަން ނަގާފައި އޭނަ އަށް ވަރަށް ފުޅާކޮށް ކެމްޕޭން ކޮށްދޭން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ އިތުރުން ވެސް އިންތިހާބުގައި މިވަގުތު ވާދަނުކުރެއްވުމަށް ފެނިވަޑައިގަތް ސަބަބުތަކެއް ހުރި ކަމަށެވެ. އެގޮތުން ސަރުކާރުގެ މަގާމެއްގައި ހުރެ، ޕާޓީ އަށް ބޭނުންވާ ވަގުތު އެކަށީގެންވާ ވަރަށް ނުދެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިންތިހާބާ ބެހޭ ކޮމިޓީން ބުނީ ޕާލިމެންޓްރީ ގްރޫޕްގެ ރައީސާއި އިތުރު އެހެން މަގާމްތައް ހޮވުން އޮންނާނީ ހޯމަދުވަހުގެ ހަވީރު 00: 4 ގައި ޕާޓީގެ މައި އޮފީހުގައި ކަމަށެވެ. އިންތިހާބު ނިންމައި އެ ދުވަހު މަގާމްތައް އިއުލާން ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ކުރިން ވެސް މަގާމުގައި ހުންނެވި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އެވެ. ނައިބު ރައީސް ކަމަށް އައްޑު އަތޮޅު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމާއި ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވާދަކުރައްވަ އެވެ.
ޕާލަމެންޓްރީ ގުރޫޕުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ކުރިމަތިލައްވާފައިވާ އިރު އޭނާގެ ނައިބަކަށް ކުރިމަތިލައްވާފައި ވަނީ ތިނަދޫ ދާއިރާގެ މެމްބަރު މުހަންމަދު ގަސަމް އެވެ. މީގެ އިތުރުން ޕާލިމެންޓްރީ ގްރޫޕްގެ ވިޕުންނަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ބާރަށު ދާއިރާގެ މެމްބަރު މުހަންމަދު ޝިފާޒް އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ