ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

ސަރުކާރުގެ މުވައްޒިފުންނަން ބިރުދައްކައިގެން ޕީޕީއެމަށް ސޮއިކުރަން މަޖުބޫރުކުރާ މީހުންގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅާނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ "ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމަށް މެމްބަރުން އިތުރުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒިފުންނާއި ކުންފުނިތަކުގެ މުވައްޒިފުންނަން ވަޒީފާގެ ބިރުދައްކައިގެން އެޕާޓީއަށް ސޮއި ކުރުވަމުންދާ މައްސަލަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އިދިކޮޅު އިއްތިހާދުގެ ފަރާތުން ދައުލަތުގެ މުވައްޒިފުންނަން ބިރު ދައްކައިގެން ޕާޓީއަށް ސޮއިކުރުމަށްޓަކައި ފޯމް ހިފައިގެންދާ މީހާގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅާ އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ފަރާތުން މި މައްސަލަތަށް ހިއުމަން ރައިޓިސް ކޮމިޝަނަށާއި ފުލުހަށް ހުށައެޅާނެ ކަމަށެވެ. އެހެންނަމަވެސް އިންސާފް ލިބޭނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހްކޮށްގެން ކަން ދިވެހި ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމުން ދިވެހި ރައްޔިތުން އިންސާފް ހޯދަން ބޭނުންވެއްޖެނަމަ ޖުޑިޝަރީ އިސްލާހްކުރަންޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެދުވަހަކުން ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ޕާޓީއަށް ސޮއި ކުރުވުމަށް ފޯމް ހިފައިގެން ހިނގާ މީހުންގެ މައްސަލަތަށް ބަލާނެ ކަމަށް ޝަމީމު ވިދާޅުވި އެވެ. ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަކީ އެއްވެސް ވަރަކަށް ފޮތް ވިދާޅުވާ ބޭފުޅުން ނޫން ކަމަށާއި ފޮތް ކިޔުންވާނަމަ ގާނޫނު އަސާސީގައި ބާޔާންކޮށްފައިވާ ކަންކަން އިނގިވަޑައިގަންނަވާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ދައުލަތުގެ ކުންފުންގެ މުވައްޒިފެން ކަމުގައި ވިއަސް ވަޒީފައިގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަން ވެރިންގެ އަމުރަށް ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާއިގައި ވަރަށް ސާފްކޮށް ދައުލަތުގެ މުވައްޒިފަކު ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބް އަދާކުރުމުގައި ގާނޫނޫގައި ހުއްދަ ނޫން ކަމެއް ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މުވައްޒިފުންނަން ސިޔާސީ ހަރަކާތަކުގައި ބައިވެރިވުމަށް އަދި ޕާޓީއަކަށް ސޮއި ކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ