ހިލަރީގެ ދަތުރުފުޅާ ދިމާކޮށް މިސްރުގެ ރައްޔިތުން އެމެރިކާއާ ދެކޮޅަށް ތެދުވަނީ

ޤާހިރާ (ޖުލައި 16): މިސްރުގެ ދިމުޤްރާތީ ސަރުކާރު އެމެރިކާގެ ދަލުގައި ޖެއްސުމަށް ނުބައިރޭވުންތައް ރާވައި މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއާ ދެކޮޅަށް މިސްރުގައި ބޮޑެތި މުޒާހަރާތަކާއި އިޙްތިޖާޖްތައް ބާއްވަމުން އެބަގެންދެ އެވެ.
މިސްރުގެ އެތައް ހާސްބަޔަކު އެމެރިކާއަކީ މިސްރާ މެދު ދެ ފުށްދެގޮތް އަދި މަކަރުވެރި ސިޔާސަތުތަކެއް ގެންގުޅޭ ޤައުމެއްކަމަށް ސިފަކޮށް މުޒާހަރާކުރަމުން ގެންދަނީ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން މިސްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅޭ ދިމާކޮށެވެ. ހިލަރީ ޤާހިރާގައި ހުންނަވާ ފޯސީޒަން ހޮޓަލުގެ ކުރިމަތީގައި މިސްރުގެ އެތައް ހާސްބަޔަކު އިއްޔެ ވަނީ އެމެރިކާގެ ދިދަ އަންދައި މިސްރުގެ ކުރީގެ ޑިކްޓޭޓަރު ޙުސްނީ މުބާރަކްގެ ފަހަތުގައި އޮވެމުބާރަކް އަނިޔާވެރި ސިޔާސަތުތަކަށް ވާގިވެރިވިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރާ ޝިޢާރުތައް އުފުލާފަ އެވެ.
މިއީ މުބާރަކްގެ ވެރިކަން ވެއްޓިގެން ދިޔުމަށް ފަހު އެމެރިކާއާ ދެކޮޅަށް މިސްރުގެ ރައްޔިތުން މިހާތަނަށް ކުރި އެންމެބޮޑު އެއްމުޒާހަރާ ކަމަށް މުރާސިލުން ސިފަކުރެ އެވެ. މުބާރަކްގެ ދުވަސްވަރު އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރަމަކީ މިސްރުގައި ފުރްސަތު ދެވޭ ކަމެއްނޫނެވެ. މިސްރުގައި މިހާރު ވެރިކަންކުރާ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާ އިން ފާޅުގައި ސިފަނުކުރި ނަމަވެސް އެޖަމާއަތާ މުޢާމަލާތްކުރުމަށް އެމެރިކާ ދެކޮޅު ހަދާފައިވެ އެވެ. އަދި އިޚްވާން ޖަމާއަތަކީ ޓެރަރިސްޓުންނާ އެއްފަދަ ހަރުކަށި ޖަމާއަތެއްގެ ގޮތުގައި އެމެރިކާ ދެކެމުންއައިސްފައިވާ އިރު އެ ޖަމާއަތް ބަލިކަށިކުރުމަށް ރޭވިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްކުރެވިފައިވެ އެވެ.
ނަމަވެސް މިސްރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މިސްރުގެ ވެރިކަމަށް އެޖަމާއަތް އައުމުން އެމެރިކާއަށް ވަނީ ގޮތްބަދަލުކުރަންޖެހި އިސްލާމީ ޚިޔާލުގެ މިޖަމާއަތަށް ނިސްބަތްވާ މިސްރުގެ ރައީސް މުޙައްމަދު މަރްސީއާ މުޢާމަލާތްކުރަން މަޖްބޫރުވެފަ އެވެ. މިގޮތުން ހިލަރީ އިއްޔެ ވަނީ ޤާހިރާ އަށް ވަޑައިގެން މިސްރުގެ ރައީސް މަރްސީއާ ބައްދަލުކުރައްވާފަ އެވެ. ހިލަރީ މިސްރަށް ވަޑައިގެން މިއުޅުއް ވަނީ މިސްރުގައި އިންތިޤާލީ ވެރިކަންކުރި ޢަސްކަރީ މަޖިލީހުން ޕާލަމެންޓް އުވާލައި ޕާލަމެންޓްގެ ބާރުތައް އަމިއްލައަށް ހޯދައިގަނެގެން އުޅޭ މައްސަލާގައި ރައީސް މަރްސީގެ ދިމުޤްރާތީ ސަރުކާރާއި އެމަޖިލީހާ ދެމެދު އަރާރުންތައް ބޮޑުވެފައިވަނިކޮށެވެ.
މިސްރުގެ ޢަސްކަރީ މަޖިލީހުން ޕާލަމެންޓް އުވާލައި ޕާލަމެންޓްގެ ބާރުތައް އަމިއްލައަށް ހޯދައިގަނެގެން އުޅުމުގެ ސަބަބުން މިސްރުގެ ޑިމޮކްރަސީއަށާއި މަދަނީ ވެރިކަމަށް ނުރައްވާވެފައިވާ މިދުވަސްވަރު މިސްރުގެ ކަންތައްތަކުގެ ތެރެއަށް އެމެރިކާ ވަންނަމުން ދަނީ އެމެރިކާއާއި އިސްރާއީލުގެ މަސްލަޙަތު ޙިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް މިސްރުގެ ރައްޔިތުން ދެކެ އެވެ. ރައީސް މަރްސީ އާ ބައްދަލުކުރެއްވުމަށް ފަހު ހިލަރީ ވަނީ ޢަސްކަރީ މަޖިލީހުގެ ވެރިޔާ ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީއާ ބައްދަލުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ