އޮފީސް މާހައުލުގައި ކަރަންޓް ހަރަދު ކުޑަކުރުމަށް ވޯކްޝޮޕެއް ފަށައިފި

އޮފީސް މާހައުލުގައި ހަކަތަ އިގްތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
އެންވާރްމެންޓް މިނިސްޓްރީގައި ކުރިއަށްދާ އެއްދުވަހުގެ މި ބައްދަލުވުމުގެ ތެރެއިން އޮފީސްތަކުން ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ހިއްސާކުރުމުގެ ގޮތުން ސާރވޭ ފޯމެއް ފުރާނެއެވެ. އަދި އޮފީސް މާހައުލުގައި ހަކަތަ އިގްތިސާދު ކުރުމާއި ބެހޭ ޕްރެޒެންޓޭޝަން ހުށަހަޅާނެއެވެ. އަދި މީގެ އިތުރުން އޮފީސް މާހައުލުގައި ހަކަތަ ބޭނުން ކުރާވަރު މަދުރުކުރުމަށް ހުރި ފުރުސަތުތަކާއި، ހުރަސްތަކާއި ގުޅޭގޮތުން ބައިވެރިންނާއެކު މަޝްވަރާ ކުރެވިގެން ދޭނެއެވެ.
މިއީ އެންވާރްމެންޓް މިނިސްޓްރީން ގްލޯބަލް އެންވެރޮމެންޓް ފެސިލިޓީ (ޖެއެފް)ގެ އެހީގެ ދަށުން ގެންދާ މަޝްރޫއުގެ ދަށުން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރްމެންޓް މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓެރީ އަޖުވަދު މުސްތަފާ ވިދާޅުވީ އާންމުކޮށް މީހުން އެޅޭ ގެއަކަށް މާބޮޑު ކަރަންޓްތަކެއް ނުހިނގި ކަމުގައި ވިޔަސް، އެ މިނިސްޓްރީން ހޯދާފައިފާ ހޯދުންތަކުން ދައްކާގޮތުގައި ގިނައިން ކަރަންޓް ބޭނުން ކުރަނީ އޮފީސްތަކުން ކަމަށެވެ.
"އޮފީހެއްގެ ވެއްޖެއްޔާ އެއާކޮންޑިޝަނާތައް ކޮންމެ މީހެއްގެ މޭޒުމަތީގައި ކޮމްޕިޔުޓަރެއް ހުންނާނެ. އަދިވެސް އޮފީހުގެ ޕްރިންޓަރާއި، މިކަހަލަ ބައިވަރު ވަސީލަތްތައް އެބަ ގެންގުޅޭ އޮފީހުގެ ތެރޭގަ. އެހެންވީމަ އަޅުގަނޑުމެން މި ވޯކްޝޮޕްގެ އެއް އަމާޒަކަށް މިވީ އޮފީސްތަކަށް ޓާގެޓްކޮށްގެން މަސައްކަތްތަކެއް ކުރަން" ޕީއެސް ވިދާޅުވިއެވެ.
ޕީއެސް ވިދާޅުވީ މިއީ އެންމެން ބައިވެރިވެގެން ކުރަން ޖެހޭކަމެއް ކަމަށާއި، އެއްދުވަހުގެ ދެ ދުވަހުގެ މަސައްކަތުގެ ބައްދަލުވުމަކުން މިކަންކަން ނިންމާނުލައި، އޮފީހުގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަރަންޓް ހަރަދު މަދުކުރުން ހިމަނައިގެން ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުން މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި ވަނީ މާލޭގެ މިވަގުތު ހުރި އޮފީސްތަކުގައި މަސައްކަތް ކުރާ އިސްވެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ