ޑރ ޖަމީލާއި އުމަރު ސިޔާސީ މަޝްވަރާކުރެއްވުމަށް ނިންމަވައިފި

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައްދަލްކުރައްވަން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ އުމަރު ނަސީރު އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި މެސެޖެތްތައް ހިއްސާކުރުމަށް ހަދާފައިވާ ޕަބްލިކް ވައިބަރުޗެޓް ގުރޫޕްގައި ކުރައްވާފައިވާ މެސެޖެއްގައެވެ.
އުމަރު ކުރައްވާފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޑރ ޖަމީލްއާއި އެމަނިކްފާނުގެ ޓީމާއިއެކު ސިޔާސީ މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މަޝްވަރާތަކަށް އަންނަ އާދިއްތަ ދުވަހު އުމަރު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އުމަރު އިނގިރޭސިވިލާތަށް ވަޑައިގެން ޑރ ޖަމީލާއި ބައްދަލްކުރެއްވުމަށް ނިންމެވިއިރު، އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ގުޅިގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ޑރ ޖަމީލެވެ. އުމަރަކީ އެމްޑީޕީއާއި ރައީސް ނަޝީދަށް އަބަދުވެސް ވަރަށް ބޮޑަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅަކަށްވީއިރު، ޑރ ޖަމީލްގެ ޓީމަކީ ކޮބައިކަމެއް އުމަރުގެ މެސެޖްގައި ވިދާޅުވެފައެއް ނުވެއެވެ.
އަދި ދުވަހަކަވެސް އެމްޑީޕީއާއި ގުޅިގެން މަސައްކަތް ނުކުރައްވާނެކަމަށް އުމަރު ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅޭގޮތުންވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެެވެ.
މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އުމަރު ކުއްލިގޮތަކަށް މަގާމުން އިސްތިއުފާދެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެޕާޓީގެ އެެތެރޭގެ ޕްރައިމަރީގައި ވާދަކުުރުމަށްކަމަށް ވިދާޅުވެއެވެ. ޕްރައިމަރީގެ މައްސަލައާއި ގުޅިގެން ޕީޕީއެމް ދެބައިވެފައިވާއިރު، އުމަރު ގެންދަވަނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތްކުރައްވަމުންނެވެ.
ޑރ ޖަމީލަކީ މިސަރުކާރުގެ އިންތިހާބީ ނާއިބް ރައީސްކަމުގައިވީއިރު، އެމަނިކްފާނު މަގާމުން ދުރުކޮށްފައިވަނީ ގިނަ ތުހުމަތުތަކެއް ކުރެއްވުމަށްފަހު މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓް ފާސްވުމާއި ގުޅިގެންނެވެ. ޑރ ޖަމީލަށް ކުރެވޭ ތުހުމަތުތަކަށް އެމަނިކްފާނަށް ޖަވާބުދާރީވުމުގެވެސް ފުރުސަތު ނުދެއްވާ އަވަސް އަރުވާލައިގެން މަޖިލީސްތެރެއިން އިތުބާރު ނެތްކަމުގެ ވޯޓް ނެންގެވިއިރު، އެމަނިކްފާނު ވަނީ އާއިލާއާއިއެކު ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެއަށްފަހު ސަރުކާރުން އެމަނިކްފާނާއި ދެކޮޅަށް ތަފާތު އެކި ތުހުމަތުތައް ކުރަމުންދާއިރު، މިހާރު ޑރ ޖަމީލް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ