މައުމޫނު 29 މިލިއަން ރުފިޔާ އަނބުރާ ނުދެއްކެވި މައްސަލަ އަނެއްކާވެސް ފުލުހަށް

ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީ ގެ ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާގެ މައްސަލަ ޖާބިރު އަނެއްކާވެސް ފުލުހަށް ހުށަހަޅައިފިއެވެ. އެ މައްސަލަ މީގެ ކުރިންވެސް ޖާބިރުވަނީ ފުލުހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ. އޮންލައިން ނޫސް މިހާރަށް ޖާބިރު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ހެއްކާއި އެކު އަނެއްކާ އެ މައްސަލަވަނީ ފުލުހަށް ހުށަހަޅާފައެވެ. ޖާބިރު ވިދާޅުވި ގޮތުގައި މިހާރު އެ މައްސަލަ ފުލުހުންދަނީ ބަލަމުންނެވެ. ޖާބިރު ވިދާޅުވި ގޮތުގައި އެ ފައިސާ ހަވާލު ކުރެއްވީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއިއެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިޔާގެ ވެރިރަށް ކޫއަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ އެ ވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ވަނީ ދޮގުކުރައްވާފައެވެ. ނަމަވެސް ޖާބިރު ފައިސާ ދެއްވި ކަމަށް ބުނާ ދުވަސްވަރާއި، ޕީޕީއެމް އިން މެމްބަރުންތަކެއް ޕީޕީއެމް ދޫކޮށް ރައީސް މައުމޫނާއި ގުޅުނު ދުވަސްވަރާއި ދިމާވެއެވެ. އަދި އޭރު ފުލުހުންވަނީ ފާރިސް މައުމޫން މެމްބަރުންތަކަކަށް ރިޝްވަތު ދިންކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައެވެ. އަދި ހަމަ އެދުވަސްކޮޅު އެ މައްސަލާގައި ޖާބިރު ހައްޔަރު ކުރަންވެސް ފުލުހުން އުޅުނެވެ. ނަމަވެސް ޖާބިރު އޭރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
100 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ