އަފްރާޝީމް އަވަހާރަކޮށްލުމަކީ ދިން ނުރައްކާތެރި މެސެޖެއް: މައުމޫން

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަކީ ދިން "ވަރަށް ނުރައްކާތެރި މެސެޖެއް" ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމްގެ ހަދާނުގައި މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަކީ އިލްމުވެރިންނާއި އިސްލާމްދީނަށް ގޮންޖެހުން ކަމަށާއި އަދި އެއީ ބަޔަކު ދިން ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ.
"އެކަންކުރި ބަޔަކު އެކަން ކޮށްފައި އެ ވަނީ އެމަނިކުފާނު ކޮށްދެއްވާ ހިދުމަތްތަކުން މިގައުމު މަހުރޫމް ކުރުމަށްޓަކައި، އަދި އަޅުގަނޑު ދަންނަވާނީ އެއީ ދިން ވަރަށް ނުރައްކާތެރި މެސެޖެކޭ. އޭގެ މާނައަކީ ބަޔަކު މީހުން ނޭދޭ ގޮތަކަށް އަޑުއުފުލާ ވާހަކަދައްކާ މަސައްކަތް ކުރާ މީހަކަށް އޮތީ ތިޔަގޮތޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަން ކުރި ބަޔަކަށް ހައްގު އަދަބު ނުލިބޭތީ ކަންބޮޑުވާ މޭރުމުން ރައީސް މައުމޫން ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަން ނިމި އެ ޖަރީމާ ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
މައުމޫންގެ ވާހަކަގައި ވަނީ އަފްރާޝީމްގެ ރިވެތި އަހުލާގަށް އަލި އަޅުއްވާލައްވައި ވާހަކަ ދައްކާފަ އެވެ. އަދި އަފްރާޝީމްގެ އާއިލާ އަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އަފްރާޝީމްގެ އާއިލާ އަށް ގުޅުއްވި ކަމަށާއި ހުރިހާ ބޭފުޅުންގެ ހާލުވެސް ރަނގަޅު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފްރާޝިމްގެ ކޮއްކޮ އަދި އުނގޫފާރު ދާއިރާ މެމްބަރު އިބްރާހިމް އަމީން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަރާތްތަކަށް އަދަބު ދިނުމަކީ އޭނާ އާއި މިގައުމުގެ ހުރިހާ ދަރިންގެ އެދުމެއް ކަމަށެވެ. އަދި އެކަން ކުރި ފަރާތްތައް އަމިއްލަ އަށް އެއްބަސްވުމަށް އަމީން ގޮވާލެއްވި އެވެ. އަދި އަމީން ވަނީ އެމައްސަލަ ބަލައިދޭތީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުން ވެސް ވާހަކަ ދައްކާފައިވާއިރު ހުރިހާ ބޭފުޅުންގެ ވާހަކައިގައި ވެސް އަފްރާޝީމް އަވަހާރަކޮށްލި ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ