ހުޅުމާލޭގައި ތުރުކީގެ ފަރާތަކުން ހިންގަމުން އަންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުން ބޯޑިންގ ޢިމާރާތަކާއި އެކު ސްކޫލުގެ އައު އިމާރާތެއް އަޅައި، މިހާރު އެ ސްކޫލު ހިންގަމުން އަންނަ އިމާރާތް ސަރުކާރުގެ ދަށަށް އަލުން ގެނައުމަށް ނިންމައިފި އެވެ.
ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ ބިޒް އެޓޯލް ކުންފުންޏަށް ވަނީ، އެ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި ބޯޑިންގ އިމާރާތަކާ އެކު ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހަވާލު ކޮށްފަ އެވެ.
މިއަދު ބިޒް އެޓޯލްއާ އެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމާއި، ބިޒް އެޓޯލްގެ މެނޭޖިންގ ޑިރެކްޓަރ މެހްމެޓް އާކިފް އެރްދޮޣާން އެވެ.
ސޮއި ކުރެއްވުމަށް ފަހު މީޑިޔާއާ ވާހަކަ ދައްކަވަމުން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމް ވިދާޅުވީ، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް ވެވުނު އެގްރީމެންޓްގެ މުއްދަތު ހަމަވަމުން ދާ ކަމަށާއި، މިއަދު ވެވުނު އެއްބަސްވުމުގައި މި މުއްދަތު ވަނީ އިތުރު ކުރެވިފައި ކަމަށެވެ. އެގޮތުން މިއަދު ވެވުނު އެއްބަސްވުމަކީ 25 އަހަރަށް ވެވުނު އެއްބަސްވުމެކެވެ.
މިނިސްޓަރ ވިދާޅުވީ، ލާލޭއާ ޖެހިގެން އޮތް ބިމުގައި ބޯޑިންގ ސްކޫލްގެ ފެސިލިޓީއެއް ޤާއިމު ކުރެވޭނެ ކަމަށާއި، ދެ އަހަރުގެ ތެރޭގައި މި އިމާރާތް ޤާއިމު ކުރެވޭނެ ކަމަށާއި، ލާލޭ ސްކޫލުގައި، ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކިޔެވުމުގެ ފުރުސަތު އިތުރަށް ލިބޭނެ ކަމަށެވެ.
އަދި، ލާލޭ ސްކޫލް ހިންގަމުންދާ ކުރީގެ ފަރީދިއްޔާ ސްކޫލްގެ އިމާރާތް ސަރުކާރަށް އަނބުރާ ލިބޭނެ ކަމަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެ އިމާރާތުގައި ސްކޫލެއް ހިންގަން ފަށާނެ ކަމާށް މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި، ލާލޭ ސްކޫލް ހިންގާ ބިޒް އެޓޯލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މެހްމެޓް އާކިފް އެރްދޮޣާން ވިދާޅުވީ، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަކީ އިނގިރޭސިއާއި ދިވެހި ބަހުގެ އިތުރުން ޢަރަބި އަދި ތުރުކީ ބަސް ވެސް ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭނެ ސްކޫލެއް ކަމަށާއި، އެ ސްކޫލުގެ ޖާގައިގެ %10 ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ގޮތުގައި ވެސް ދެވޭނެ ކަމަށެވެ.
2008 ވަނަ އަހަރުގެ ޖޫން މަހު ދިވެހި ސަރުކަރާއި ބިޒް އެޓޯލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި އޭރު ހުރި ފަރީދިއްޔާ ސްކޫލް ވަނީ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަށް ބަދަލުކުރެވިފަ އެވެ. އެދުވަހުން ފެށިގެން އެ ސްކޫލުން ދަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
ލާލޭ ސްކޫލް އިމާރަތް ސަރުކާރަށް ގެނެސް، އެ ސްކޫލުން ބޯޑިންގ ސްކޫލެއް ހުޅުމާލޭގައި އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ