ރައްޔިތުންގެ ހައްގުތައް ހަނިކުރަނީ ގާނޫނު އަސާސީއާ ޕާޓީގެ މަގުސަދުތަކާ ހިލާފަށް: މައުމޫން

މިއަދު ފެންނަމުން މިދަނީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނަން މަސައްކަތްކުރެއްވި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެން ގޮސް ގާނޫނު އަސާސީއާ ޕީޕީއެމްގެ މަގުސަދުތަކާ ހިލާފަށް ކަންކަން ކުރާ މަންޒަރު ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަކުރައްވާ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ލެޓަހެޑްގައި އެމަނިކުފާނު މިރޭ ނެރުއްވި ބަޔާނުގަ އެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހަފްތާގެ ތެރޭގައި ފާސްކޮށްފައިވާ ބައެއް ބިލްތަކާއި އިސްލާހުތަކަކީ 2008 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް އެމަނިކުފާނު ތަސްދީގުކުރެއްވި ގާނޫނު އަސާސީއާ ހިލާފު ބިލްތަކަކާ އިސްލާހުތަކެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން މިހަފްތާގެ ތެރޭގައި ފާސްކުރެއްވި ހިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމުގެ ބިލުން، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބީދިފައިވާ ހިޔާލުފާޅުކުުރުމުގެ މިނިވަންކަން ހަނިކުރެވިގެން ހިނގައްޖެ އެވެ. ހަމަ އެބިލުން ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިވެގެން ހިނގައްޖެ އެވެ. މީގެ އިތުރުން އެއްވެ އުޅުމުގެ ބިލަށް ހުށަހެޅި މަޖިލީހުން ފާސްކުރެއްވި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަން ހަނިވެގެން ހިނގައްޖެ އެވެ.،" ރައީސް މައުމޫންގެ ބަޔާނުގައިވެ އެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ 2004 ވަނަ އަހަރު އެމަނިކުފާނު އިއުލާންކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ދިވެހި ރައްޔިތުންގެ ތާއީދާއެކު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ އެމަނިކުފާނު ގެންނަން މަސައްކަތް ކުރެއްވި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެންދާ ތަން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިއަދު ފެންނަނީ ރައްޔިތުންނަށް ގާނޫނު އަސާސީގެ ތެރެއިން އެމަނިކުފާނު ހޯދައިދޭން މަސައްކަތްކުރި އަސާސީ ހައްގުތައް ހަނިކުރެވެމުންދާ ތަން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިހަފްތާގައި ރައްުޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް އިސްލާހުތަކާ ބިލް ތަކަކީ ވެރިކަން ކުރާ ޕީޕީއެމްގެ މަގުސަދު ތަކާ ހިލާފު ކަންތައްތަކެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބައެއް އިސްލާހުތަކާއި ބައެއް ބިލްތަކަކީ ޕީޕީއެމް އަސާސީ ގަވައިދުގެ 10 ވަނަ މާއްދާގައި ޕާޓީން މަސައްކަތް ކުރަންވީ ގޮތް ބުނެދިފައިވާ ގޮތާއި ހިލާފު ނިންމުންތަކެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގައި ޕީޕީއެމް ކޯލިޝަންގެ މެޖޯރިޓީ އޮވެމެ، މަޖިލީހުން މިހާރަކަށް އައިސް ފާސްކުރަމުން ގެންދާ ބައެއް ބިލްތަކާއި ބައެއް އިސްލާހުތަކަކީ ގާނޫނޫ އަސާސީއާ ޕީޕީއެމްގެ މަގުސަދުތަކާ އުސޫލުތަކާ ހިލާފު ބިލްތަކަކާ އިސްލާހުތަކަކަށް ވާތީ އެކަންކަމަށް ތާއީދުނުކުރެއްވުމަށް ޕީޕީއެމްގެ މެންބަރުންނަށް ތަކުރާރުކޮށް ދަންވަމުން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން ފާސްކުރާ ގާނޫނު އަސާސީއާ ހިލާފު އިސްލާހުތަކަށް ވޯޓް ނުދެއްވި މެންބަރުން ކުރައްވާ "ގައުމީ މަސައްކަތަށް" ޝުކުރު ދަންނަވާ ކަމަށެެވެ.
"އެބޭފުޅުން އެ މަސައްކަތް ކޮށްދެއްވަނީ ޕީޕީއެމްގެ މައިގަނޑު މަގުސަދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާ ރައްޔިތުންގެ ހައްގުގަ އެވެ. އަޅުގަނޑުގެ އުއްމީދަކީ މިދެންނެވި މެންބަރުންނަކީ ނަމޫނާ އަކަށް ބައްލަވައިގެން ޕީޕީއެމްގެ އެހެން މަޖިލިސް މެންބަރުންވެސް ހިތްވަރާއެކު ގައުމާ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމެވެ،" ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ