"ހަވީރު" ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހޯދައިފި އެވެ.
"ހަވީރު" ސްޕޯޓްސް އެވޯޑުގެެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަންގެ ރަން ބޫޓު ވެސް ހޯދާފައި ވަނީ އަސަދުﷲ އެވެ. އޭނާ މިދިޔަ ސީޒަން ގައި މާޒިޔާއަށް 30 ލަނޑު ކާމިޔަބު ކޮށްދީފައި ވާއިރު، މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ދެ ވަނަ ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއެންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ތިން ވަނައަށް ދިޔައީ ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ. އަދި ވޭތުވެދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހަވީރުން ހޮވާފައި ވަނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ.
ހާވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗަކަށް ހޮވުނީ ނިއުރޭޑިއެންޓުގެ ފިންލޭންޑް ކޯޗް މިކާ ލޮންސްޓްރޮމެވެ. އަދި އަހަރުގެ އެންމެ މޮޅު ރެފްރީއަކަށް އަހުމަދު ޝިފާން އަބްދުއްރަހީމް ހޮވުނުއިރު، ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދިން ރާއްޖޭގެ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރަށް ވަނީ މިރޭގެ ހަފްލާގައި އޭނާ ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ފިލައެއް ދީފައެވެ.
އޭގެ އިތުރުން މިރޭގެ ހަފްލާގައި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ގައުމީ ކްރިކެޓް ޓީމާއި ވިކްޓަރީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަދި މިހާރުގެ ކްރިކެޓް ކޯޗު ފާއިޒު ސަމަދަށް ވަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފަ އެވެ.
މިފަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު (ކުޑައްޓޭ) ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެންމެ މޮޅު ފިރެހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ހަވީރުން ހޮވި 2014 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރެހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން އެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. މިދިޔަ އަހަރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ނައިފަރު ޖުވެނައިލްގެ އައިމިނަތު އަރީޝާ އަރީޝާއަށެވެ.
ފުޓްބޯޅައާ ވޮލީބޯޅައިގެ އިތުރުން މިރޭގެ ހަފްލާގައި މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި އަށްވަނަ މޮންސޫން މޭހެމް އިންޓަނޭޝަނަލް ސާފިންގް ޗެލެންޖުގެ ބޮޑީ ބޯޑިންގް ކެޓަގަރީން އެއްވަނަ ހޯދި އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އާއި، މެލޭޝިއާގެ ޓިއަމަން އައިލެންޑްސްގައި ބޭއްވި ޓިއަމަން ފެސްޓިވަލްގެ ބޯޑީ ބޯޑިންގް ކެޓަގަރީން އެއްވަނަ ހޯދި އަލީ ޖާވީދު، އަދި އިންޑިއާގައި ބޭއްވި ކޮވެލޯންގް ޕޮއިންޓް ކްލެސިކް ސާފިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވަނަތައް ހޯދާފައި ވުމުން ވަނީ ހާއްސަ އެވޯޑެއް ވަނީ ދީފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ޖެހިޖެހިގެން 12 އަހަރު ކާމިޔަބު ކުރި މުއީނާ މުހައްމަދު އާއި އޭޝިއަން ގޭމްސް 2014ގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިވެންޓުން ސެމީ ފައިނަލަށް ދަތުރުކުރި ހަސަން ސާއިދަށް ވެސް ރޭގެ ހަފްލާގައި ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސް: އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް އަސަދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ