އެމްޑީޕީގެ އިންތިހާބާ ގުޅޭގޮތުން ދައުވާކުރުމުގެ ހައްގު އަލްހާނަށް ލިބިގެން ނުވާ ކަމަށް ކޯޓުން ހުކުމްކޮށްފި

އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް އަލުން އިންތިހާބު ކުރުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހްމީ އަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އަލްހާން ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެމްޑީޕީގެ ރައީސް ކަމަށް ޑރ. އިބްރާހީމް ދީދީ އަދި ނައިބް ރައީސް ކަމަށް އޭނާ އިންތިހާބު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން މަގާމުން ވަކިކޮށް އެހެން ބަޔަކު އެމަގާމުތަކަށް އައްޔަންކުރީ ދައުރު ހަމަވުމުގެ ކުރިން ކަމަށް އަލްހާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއާއި ނައިބް ރައީސް ކަމަށް މުހައްމަދު ޝިފާޒު އައްޔަންކުރީ ދައުރެއްގެ މެދުތެރެއިން ކަމަށާއި އެބޭފުޅުންގެ ދައުރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި އަލްހާން އެދިފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ ރައީސް އާއި ނައިބް ރައީސް އިންތިހާބުކުރުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވައިދިނުމަށް އެޕާޓީގެ މައްޗަށް އަމަރުކޮށްދިނުމަށެވެ.
ސިވިލް ކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަލްހާން އެމްޑީޕީން ވަކިކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި އަލްހާނަށް ދައުވާކުރުމުގެ އީޖާބީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ.
މިމައްސަލައިގެ ޝަރީއަތުގައި ނެގި އިޖުރާއީ ނުކުތާއެއްގައި އެމްޑީޕީގެ ވަކީލުން ވެސް ވަނީ އަލްހާނަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނެ އެކަން ފާހަގަކޮށްފަ އެވެ.
އަލްހާން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން އަމުރުކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަލްހާން އެމްޑީޕީން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ނިންމި ފަހުންނެވެ. އަދި އޭގެ ފަހުން އަލްހާން އެމްޑީޕީގެ ދަފްތަރުން އުނިކުރިކަން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މީޑިއާއަށް ޔަގީންކޮށްދެއްވާފަ އެވެ.
އިދިކޮޅު އެމްޑީޕީގެ މައްސަލައެއް އަލްހާން ކޯޓަށް ހުށަހެޅީ ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގެ މައްސަލައެއް ކޯޓަށް ހުށަހެޅި ޝަރުއީ ހުރިހާ މަރުހަލާއަކުން ގޮތެއް ނިންމާފައި ވަނިކޮށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ލިބިދެނީ ޕާޓީގެ ރައީސް މައުމޫނަށް ނަމަވެސް ކޯޓުން ވަނީ ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ