އެމްޑީޕީގެ ޕްރައިމަރީ: ގަލޮޅު މެދު ދާއިރާގެ ވޯޓް ބާތިލްކޮށްފި

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގަލޮޅު މެދު ދާއިރާގެ ވޯޓްގައި މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެ ދާއިރާގެ ވޯޓް ނެގުން އަލުން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ގަލޮޅު މެދު ދާއިރާގެ ވޯޓުފޮށްޓަށް ލާފައިވާ ވޯޓުގެ ތެރޭގައި ވޯޓުލުމަށް، ވޯޓުލާ މަރުކަޒަށް ނުދާ މީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމަށާއި އެގޮތަށް ލާފައިވާ ވޯޓުގެ އަދަދަކީ ވޯޓުގެ ނަތީޖާއަށް އަސަރުކުރާ އަދަދެއް ކަމަށްވާތީ އެފޮށީގެ ކައުންސިލް މެމްބަރުންގެ ވޯޓު ބާތިލް ކުރުމަށް ނިންމައި، އަލުން އެ ވޯޓުލުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގެ ތެރެއިން އިތުރު ދާއިރާތަކެއްގެ ވޯޓްވެސް ވަނީ ބާތިލްކޮށްފައެވެ.
ބާތިލްކޮށްފައިވަނީ ގއ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީއެވެ. ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަަދި އެ އަތޮޅު ކައުންސިލްގެ ވޯޓުގެ އިތުރުން އަތޮޅުގެ ތިން ރަށެއްގެ ރަށު ކައުންސިލްގެ ވޯޓު ވަނީ ބާތިލްކޮށްފަ އެވެ. އެއީ ވިލިނގިލި، ދާންދޫ، އަދި ކޮލަމާފުއްޓެވެ. އެ ރަށްރަށުގެ ވޯޓު ކަރުދާސްތައް ވަނީ އަންދާލާފައެވެ.
މި ދާއިރާތަކުގެ ވޯޓް ނެގުން އޮންނާނީ ހުކުރު ދުވަހު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ