22:52
27 އޮކްޓޯބަރ
އުމަރު ނަސީރުގެ ވާހަކަ ނިންމާލައްވައިިފި. އޭނާގެ ވާހަކަ އަށް ފަހު، ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ވަނީ ކޭކެއް ފަޅާފައި. އެ ކޭކު ފަޅައިދެއްވީ މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް.
22:51
27 އޮކްޓޯބަރ
މައުމޫން ފެކްޝަންގެ ޖަލްސާ އަށް ފުލުހުން ހުރަސް އެޅުން.-- ވީޑިއޯ: ހުސެން ޝަޔާހު/ މިހާރު
22:49
27 އޮކްޓޯބަރ
އުމަރު: އަޅުގަނޑުމެންގެ ތާއީދާ އެކު މިކަހަލަ އަދުލު އިންސާފުން އެއްކިބާވެފައިވާ ސަރުކާރެއް ދެން ވެރިކަމަކަށް ނާންނާނެ. ޕާޓީތަކުގެ ތެރޭގައި މައްސަލަ އުފެދޭނެ. މާލޫދު ކިޔާހެން ރައީސް ވިދާޅުވާހާ އެއްޗަކަށް އާނ ބަސް ބުނާކަށް ނުޖެހޭނެ. ޕީޕީއެމް އިސްލާހު ކުރަން ޖެހޭ. އެކަން ކުރާނަން. ކުރިން ޑީއާރުޕީގައި ވެސް ކުރީ އެ މަސައްކަތް.
22:47
27 އޮކްޓޯބަރ
އުމަރު: އަދުލުވެރިކަން ވެސް ވަނީ އެއްކޮށް ގެއްލިފައި. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ އެއީ އޭގެ މިސާލު. އިމްރާނަށް ޓެރަރިޒަމްގެ ދައުވާ ކުރެވިގެން ނުވާނެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަނޑިޔާރަކު ވަގަށް ނެގިޔަސް، އެއީ ޓެރަރިޒަމްގެ މައްސަލައެއް ނޫން. ނަޝީދު އެނބުރި ވެރިކަމަށް އަންނާކަށް ބޭނުމެއް ނޫން. އެކަމަކު، އިންސާފު ލިބެން ޖެހޭނެ. އެ މައްސަލައިގައި ކުރަން ޖެހޭނީ މީހަކު ވަގަށް ނެގުމުގެ ދައުވާ. އެއި ދެ އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއް.
22:45
27 އޮކްޓޯބަރ
އުމަރު: ތަރައްގީގެ މަޝްރޫއުތަކަކީ ކޮރަޕްޝަނަށް ދޭ ލައިސެންސެއް. ސަރުކާރުގެ ނަޒާހަތްތެރިކަން އެއްކޮށް ގެއްލިއްޖެ. އަޅުގަނޑުމެންނާ ދެކޮޅަށް ވާހަކަދައްކަވާ މެމްބަރުންގެ ފަތިފުށް ބައްލަވާ. އެ ބޭފުޅުން ހިންގަވާ ވިޔަފާރިތަކާއި ފައިސާ ލިބޭ ގޮތް.
22:44
27 އޮކްޓޯބަރ
އުމަރު: މިއީ ޕީޕީއެމަށް ހިތާމަވެރި ރެއެއް. މައުމޫންގެ ތާއީދު އަނބުރާ ގެންދުވުމުން މި ޔަގީންވީ 2018 ގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުވާނެކަން.
22:42
27 އޮކްޓޯބަރ
އުމަރު: ސަރުކާރުގެ ތެރޭގައި ތިއްބެވި ވަޒީރުން ވެސް ސަރުކާރު އިސްލާހު ކުރަން މަސައްކަތް ކުރި. ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ދެންނެވިން. ސީދާ ރައީސަށް ވެސް ދެންނެވި. މި ހިސާބަށް ކަންކަން ދިޔައީ އެ މަސައްކަތްތައް ކާމިޔާބު ނުވުމުން.
22:38
27 އޮކްޓޯބަރ
މައުމޫންގެ ވާހަކަފުޅު ނިންމަވާލައްވައިފި. މިހާރު ވާހަކަ ދައްކަވަނީ އުމަރު ނަސީރު.
22:37
27 އޮކްޓޯބަރ
މައުމޫން: ޕާޓީގައި ދެމި ހުންނާނަން. އަދި ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާނަން.
22:36
27 އޮކްޓޯބަރ
މައުމޫން: މި ސަރުކާރަކީ ޕީޕީއެމްގެ އުސޫލުތަކާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން. އެހެންވެ، ސަރުކާރަށް ދިން ތާއީދު އަނބުރާ ގެނެސްފިން. މި ސަރުކާރަށް ދެން ތާއީދެއް ނުކުރާނަން.
22:34
27 އޮކްޓޯބަރ
މައުމޫން: މިއީ ޕީޕީއެމްގެ ސަރުކާރެއް. ޕީޕީއެމްގެ ފިކުރާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ގެނައި ސަރުކާރެއް. ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު، ގައުމީ މަސްލަހަތު ހިމާޔަތް ކުރުން. ގައުމީ މަސްލަހަތު އެއްފަރާތްކޮށް، އަމިއްލަ މަސްލަހަތު އިސް ކުރާ ސަރުކާރަކީ ހަގީގަތުގައި ޕީޕީއެމްގެ ސަރުކާރެއް ނޫން. ރައްޔިތުންނަށް ގެއްލުން ދިނުމަކީ ވެސް ޕީޕީއެމްގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫން. އެކަމަކު، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް މި ސަރުކާރުން ގިނަ ގާނޫނުތަކެއް ފާސްކޮށްފި. އަޅުގަނޑު ތާއީދުކުރާ ޕާޓީއަކުން އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެއީ އެ ކަންކަމުގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭނެތީ. އެ މައްސަލަތައް ޕާޓީގެ މެމްބަރުން ވެސް އަޅުގަނޑާ ހަމައަށް ގެނޭ.
22:30
27 އޮކްޓޯބަރ
މައުމޫން: މި މައްސަލަ ޖެހުނީ ޕީޕީއެމްގެ ފިކުރާ ހިލާފު، ޕީޕީއެމްގެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކު ޕާޓީ ތެރެއަށް ވަނުމުން. މިސާލަކަށް ޕީއޭގެ ވަރަށް ގިނަ މެމްބަރުން ޕީޕީއެމްގެ ތެރެއަށް ވަދެއްޖެ. ގިނަ މުއައްސަސާތަކުގައި ވެސް ތިބީ ޕީއޭގެ މެމްބަރުން. އެ މީހުން ދަނީ ޕީޕީއެމްގެ ހެދުން އަޅައިގެން އޮޅުވާލަމުން.
22:29
27 އޮކްޓޯބަރ
މައުމޫން: ދައުލަތުގެ ބާރުތައް ކަނޑުވާލަން ދަނީ މަސައްކަތް ކުރަމުން. އިސްލާހު ކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް އޮތީ އެ ގޮތް. އެކަމަކު، ޑިމޮކްރެސީ މަސައްކަތް ކުރަނީ ވޯޓު ފޮށިން. އެހެންވެ، ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހޭނީ އެ ޕާޓީއެއްގެ އާއްމު މެމްބަރުން އިންތިހާބުކޮށް އެ މަސްއޫލިއްޔަތުތައް ހަވާލުކުރާ ފަރާތަކާ. މި ޕާޓީގެ ރައީސްގެ ކިބައިން ޕާޓީ ހިންގުމުގެ ބާރު ވަނީ އަތުލާފައި. މިއީ ޑިމޮކްރެޓިކް އުސޫލެއް ނޫން. ގާނޫނުއަސާސީ އާއި ޕާޓީގެ އަސާސީ ގަވާއިދުގެ އިތުރުން އިސްލާމް ދީން ވެސް އެ ކަމަކަށް ފުރުސަތެއް ނުދޭ.
22:26
27 އޮކްޓޯބަރ
މަައުމޫން: މި މައްސަލަތައް ހައްލުކުރަން ވަރަށް މަސައްކަތްކޮށްފިން. އެއީ ޕީޕީއެމްގެ ރައީސްގެ މަގާމަށް އާއްމު މެމްބަރުން އިންތިހާބުކޮށްފައި ވަނީ އަޅުގަނޑު ކަމަށް ވާތީ. ވަރަށް ކުރިއްސުރެ ފަށައިގެން އެ މަސައްކަތް ކުރަމުން މި އަންނަނީ. ބައެއް ފަހަރު ފާޅުގައެއް ނޫން. އެކަމަކު، އިސްލާހީ މަސައްކަތަށް ދަނީ ހުރަސް އަޅަމުން. އިސްލާހު، އެ ބަސް އަޑުއަހަން ވެސް ބައެއް މީހުން ހިތެއް ނުުރެހޭ. އެ ލަފްޒު ބުނާ މީހަކީ ސަރުކާރާ ދެކޮޅު، އެމްޑީޕީ މީހަކަށް ހަދާ. އެކަމަކު، އިސްލާހު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެއީ ދީނުގައި ވެސް އޮންނަ ގޮތް. އަޅުގަނޑުމެންނަކީ އެމްޑީޕީ ބައެއް ނޫން.
22:24
27 އޮކްޓޯބަރ
މައުމޫން: ކޮރަޕްޝަން ނައްތައެއް ނުލެވޭ. ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ހިނގީ މި ސަރުކާރުގައި. ކޮރަޕްޝަންގެ މައްސަލަތަކުގައި ވަކިކުރާ ފަރާތްތަކަށް އެހެން ވަޒީފާ ދޭ.
22:23
27 އޮކްޓޯބަރ
މައުމޫން: ތިން ބާރު ވަތްކަކުން ނުހިނގާ. ތިން ބާރު ވަނީ މަސްހުނިވެފައި. ހިންގަނީ ކާކުކަން ނޭނގުނަސް، ހުރިހާ ބާރަކުން ވެސް އިވެނީ އެއް އަޑެއް. އެންމެ ފަރާތެއްގެ ބަހަށް މުޅި ގައުމު ބޯލަނބަން މިވަނީ ޖެހިފައި. ދައުލަތުގެ ދަރަނި ދަނީ މައްޗަށް. ބޭރުގެ އިގްތިސާދީ ނުފޫޒު ވަނީ ފެތުރިފައި.
22:21
27 އޮކްޓޯބަރ
މައުމޫން: ޕާޓީގެ އަމިއްލަ އޮފީސް ވަނީ ބަންދުކޮށްފައި. އަޅުގަނޑު އެ ތަނަށް ދާން އުޅުނީމަ ބުނީ އެ ތަނަށް ދާނެ ކަމެއް ނެތޭ. ރާއްޖޭގެ ޑިމޮކްރެސީ މިވަނީ ހަލާކުވެފައި. މިނިވަންކަން މި އޮތީ ވަރަށް ހަނި ދާއިރާއެއްގައި ބަންދުކޮށްފައި.
22:20
27 އޮކްޓޯބަރ
މައުމޫން: ދަރުބާރުގެ ހޯދަން އުޅެގެން ނުލިބުނު. ކާނިވާ ސަރަހައްދު ވެސް ނުލިބުނު. ސިޔާސީ ހަރަކާތް ހިންގަން އޮތް ފުރުސަތު ހަނިވަމުން ގޮސް މިވަނީ ނޭވާ ނުލެވޭ ވަރު ވެފައި.
22:18
27 އޮކްޓޯބަރ
މައުމޫން: ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސްތައް ރާއްޖެއަކު އަށަގަންނަވަމަކުން ނުދޭ. ޕާޓީތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދުވަހެއް ދުވަހަކަށް މި ދަނީ ހަނިވަމުން. ބައެއް ޕާޓީތަކުގެ ލީޑަރުން ތިބީ ޖަލުގައި ނުވަތަ ބަންދުގައި. ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުމަކީ ޑިމޮކްރެސީ އަށް އޮތް ނުރައްކަލެއް.
22:16
27 އޮކްޓޯބަރ
މައުމޫން: އިސްލާހު ކުރުމަކީ އަބަދު ވެސް އިންސާނުން ކުރަންޖެހޭ ކަމެއް. އަމިއްލަ ނަފުސާއި އާއިލާތަކާއި މުޖުތަމައުތަކުގެ އިތުރަށް ޕާޓީތައް ވެސް އިސްލާހު ކުރަން ޖެހޭނެ. އިންސާނުންނަށް ވީތީ ގޯސްކޮށް ކަމެއް ކުރެވިދާނެ. އެކަމަކު، ބޭނުންވާ ރާސްތާ އަށް އަމާޒު ހިފައިގެން އެ ކަންކަން އިސްލާހު ކުރަން ޖެހޭނެ.
22:15
27 އޮކްޓޯބަރ
މައުމޫން: މިހާރު ޖެހިފައި ވަނީ ޕާޓީގެ ބައެއް ގުނަވަންތަކާއި ބައެއް ފަރާތްތަކުން އަސާސީ ގަވާއިދާ ހިލާފުވުމުގެ މައްސަލަަ. މިކަހަލަ ހުރިހާ މައްސަލަތަކެއްގަައި އެންމެ ރަނގަޅު ގޮތަކީ އަސްލު އުސޫލުތަކަށް ރުޖޫއަވުން. އެހެންވެ، ޕާޓީގެ އަސްލު އަސާސްތައް ބަލައި ހަނދާން ކުރަންޖެހޭ. އޭރުން ކައްޗަށް ފިޔަވަޅެއް އެޅުނަސް ރަނގަޅު ކުރެވޭނީ. ހަނދާން ކުރުމަކީ އިސްލާމް ދީނުގެ ވެސް ރިވެތި އުސޫލެއް. ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގައި ޕާޓީގެ އަސާސްތައް ބަޔާންކޮށްފައިވޭ. އޭގެ ތެރޭގައި މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓައި ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރުން ހިމެނޭ. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި ކޮރަޕްޝަން ނައްތާލުމާއި އިގްތިސާދު ކުރިއެރުވުމާ އެ ނޫން ވެސް ކަންކަން އަސާސީ ގަވާއިދުގައި އެބަހުރި. އެހެންވެ، އެބަ ބަލަންޖެހޭ އެ މަގުސަދުތައް ހާސިލުކުރެވޭތޯ.
22:12
27 އޮކްޓޯބަރ
މައުމޫން: ޕާޓީގެ ފަސްވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ހުރިހާ މެމްބަރުންނަށް އަރިސްކުރަން. ޕީޕީއެމްއަކީ ވަރަށް ކާމިޔާބު ޕާޓީއެއް. މިއީ ސައްހަ މެމްބަރުންގެ އަދަދު އެންމެ ގިނަ ކާމިޔާބީ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ކާމިޔާބީއެއް. މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ބޭއްވި ގިނަ އިންތިހާބުތައް ވެސް ކާމިޔާބު ކުރީ ޕީީޕީއެމުން. މިއީ ޕީޕީއެމްގެ މެމްބަރުންގެ އިހުލާސްތެރި މަސައްކަތް އަދި ހިންގަވަން ތިއްބެވި ބޭފުޅުންގެ ވެސް މަސައްކަތް.
22:08
27 އޮކްޓޯބަރ
މައުމޫން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިިފ. އާއްމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާ ހިލާފަށް މި ބައްދަލުވުން ފެށީ ގުރުއާނުގެ ބަރަކާތުން.
22:08
27 އޮކްޓޯބަރ
މައުމޫން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަށަން ތައްޔާރުވެފައި.
22:05
27 އޮކްޓޯބަރ
މައުމޫން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް ޝީ ބިލްޑިންގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުން.
21:50
27 އޮކްޓޯބަރ
Security forces have prevented my going to PPM office tonight to participate in our 5th anniversary celebration.— Maumoon Abdul Gayoom (@maumoonagayoom) October 27, 2016
މައުމޫން ކުރެއްވި ޓުވީޓު.
21:50
27 އޮކްޓޯބަރ
ޕީޕީއެމް އޮފީހުގައި ބާއްވަން އުޅުނު ޖަލްސާ އަށް ވަޑައިގަންނަވަން އުޅުއްވުމުން ސަލާމަތީ ބާރުތަކުން ހުރަސް އެޅި ކަމަށް މައުމޫން ދެންމެއަކު ވިދާޅުވެއްޖެ.
21:45
27 އޮކްޓޯބަރ
މައުމޫނަށް ތާއީދުކުރައްވާ އިސް ބޭފުޅުން ވަޑައިގަންނަވަނީ، އެނގިފައިވާ ގޮތުގައި، ޝީ ބިލްޑިންގަށް. އެ ތަނުގައި އަދި އޮތް ވަކި ކަމެއް ސާފެއް ނުވޭ. އެކަމަކު، މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމާފައި.
21:40
27 އޮކްޓޯބަރ
ޖަލްސާ ބާއްވަން ފުރުސަތު ނުދިނުމުން މިރޭ ބާއްވަން އުޅުނު ޖަލްސާ ކެންސަލްކުރިކަން އުމަރު ދެންމެއަކު އިއުލާން ކުރައްވައިފި. އޭނާ ވިދާޅުވީ ފަހުގެ ތާރީހެއްގައި އެ ޖަލްސާ ބާއްވާނެ ކަމަށް.
21:38
27 އޮކްޓޯބަރ
އުމަރާއި މައުމޫނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން މަޖީދީމަގުން ކުރިއަށް ހިންގަވަނީ. އެ ބޭފުޅުން ވަޑައިގަންނަވާ ވަކި ތަނެއް އަދި ނޭނގެ. އެކަމަކު، މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމާފައި.
21:34
27 އޮކްޓޯބަރ
މަޖިލިސް މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
21:34
27 އޮކްޓޯބަރ
ޕީޕީއެމްގެ ކައުންސިލަށް މައުމޫން އައްޔަންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ސަރަހައްދަށް ވަޑައިގެންފި. އެކަމަކު، އޭނާ އަށް ވެސް އެ ސަރަހައްދަށް ވަދެވޭ ގޮތެއް ނުވި.
21:30
27 އޮކްޓޯބަރ
މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން: ނޫސްވެރިންނަށް ވިދާޅުވީ ފުލުހުން އަދި ވަކި އެއްޗެއް ނާނގާ ކަމަށް. ބޮޑަށް ބެލެވެނީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް އޭނާ ވިދާޅުވި. އަދި ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި. އަދި ވިދާޅުވީ ފުލުހުން ގާނޫނާ ހިލާފަށް ކަމެއް ނުކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް.
21:28
27 އޮކްޓޯބަރ
މައުމޫނަށް ތާއީދުކުރައްވާ ޕީޕީއެމްގެ އިސް ބޭފުޅުން އެ ސަރަހައްދުގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
21:24
27 އޮކްޓޯބަރ
ބޮޑުތަކުރުފާނު މަގުގެ އެއްކޮޅުން ބީއެމްއެލްގެ އޭޓީއޭމްތައް ހުންނަ ހިސާބުން ބެރިކޭޑު ޖަހާ ބަންދުކޮށްފައި ވާއިރު، އަނެއް ކޮޅުން ޗައިނާ އެމްބަސީއާ ހިސާބުން ވަނީ ބަންދުކޮށްފައި. އެ ތަނުގައި ނޫސްވެރިންނަށް ވެސް ނުތިބެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައި. އަދި ފޮޓޯ ނެގުން ފަދަ ކަންކަމަށް ވެސް ފުލުހުން ދަނީ ހުރަސް އަޅަމުން.
21:22
27 އޮކްޓޯބަރ
ޕީީޕީއެމްގެ އޮފީހަށް ވަޑައިގަތުމަށް މައުމޫން މިހާރު ގެންދަވަނީ ކާރުކޮޅުގައި ދަތުރުކުރައްވަމުން.
21:20
27 އޮކްޓޯބަރ
އާޓިފިޝަލް ބީޗާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް، ހ. ތެމާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި މިރޭ 9:00 ފަށަން އުޅުނު ޖަލްސާ އަށް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިގެންނެވިއިރު، އެ ހިސާބު އެއްކޮށް ފުލުހުން އޮތީ ބެރިކޭޑު ޖަހާ ބަންދުކޮށްފައި. ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަމުން އަންނައިރު، ޕީޕީއެމްގެ އޮފީސް ވެސް ވަނީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައި. އަދި އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުން.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަވަން އުޅުއްވި ޖަލްސާ ބޭއްވިޔަ ނުދީ ފުލުހުން ހުއްޓުވައިފި އެވެ.
އާޓިފިޝަލް ބީޗާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް، ހ. ތެމާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި މިރޭ 9:00 ފަށަން އުޅުނު ޖަލްސާ އަށް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިގެންނެވިއިރު، އެ ހިސާބު އެއްކޮށް ފުލުހުން އޮތީ ބެރިކޭޑު ޖަހާ ބަންދުކޮށްފަ އެވެ. ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަމުން އަންނައިރު، ޕީޕީއެމްގެ އޮފީސް ވެސް ވަނީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މައުމޫންގެ ފެކްޝަނުން ހަމަޖައްސާފައިވާ އަބްދުލް އަލީމް ވިދާޅުވި ގޮތުގައި ޕާޓީ އޮފީހަށް އެއްވެސް މީހަކު ނުވަންނަން ފުލުހުން ވަނީ އަންގާފަ އެވެ. އެކަމަކު، ރަސްމީކޮށް ފުލުހުން އެ ޕާޓީ އަށް އެެއްވެސް އެއްޗެއް އަދި އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ދުރަށް ޖެއްސުމުން ފަހަތަށް ޖެހިވަޑައިގެން އެ ސަރަހައްދުގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގެ ކައިރީގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ރާއްޖެ ޓީވީ އަށް ވިދާޅުވި ގޮތުގައި ޕާޓީ އޮފީހުގައި މިރޭ ބާއްވަން އުޅުނީ ކޭކު ފެޅުމުގެ ރަސްމިއްޔާތެކެވެ. އެކަމަކު، މިހާރު ވީ ތަނެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލްސާ ބޭއްވި ދާނެތޯ ސުވާލު ކުރުމުން ވަހީދު ވިދާޅުވީ އެ ތަނުގައި މިރޭ ޖަލްސާއެއް ބާއްވާނެކަން ފުލުހުންނަށް ވަނީ ކުރިން އަންގާފަ އެވެ. ޖަލްސާ ނުބޭއްވޭނެކަން ފުލުހުން ކުރިން އަންގާފައި ނުވާ ކަމަށާއި އެހެންވެ ކުއްލިއަކަށް ޖަލްސާ އަށް ހުރަސް އެޅުމުން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާކަށް،" ވަހީދު ވިދާޅުވި އެވެ.
ސަރުކާރަށް މިހާރު ތާއީދެއް ނުކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ