"ފުވައްމުލަކު ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު"

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށް އެ ބޯޓުގެ ވެރިފަރާތުން އަންގައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވި ގޮތުގައި ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުން ކަނޑައެޅި އަދަދަކީ އެ މީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަދެވެ.
ނަމަވެސް ސަރުކާރުން އެ އަދަދާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓަށް ދެވޭނެ ކަމަށް ބުނި އަދަދު ކަމާ ބެހޭ ފަރާތްތަކާ ވާނީ ހިއްސާކޮށްފައި. ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދެއް ދާދި އަވަހަށް ކަނޑައެޅިގެން ދާނެ،" ނާފިޒު ވިދާޅުވި އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމަށް ބަދަލުގެ ގޮތުގައި 633.7 މިލިއަން ރުފިޔާއާ ހަމައަށް ނެގިދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމައިފަ އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ދިރާސާތަކެއް ކޮށްފަ އެވެ. ފަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ އެ ދިރާސާތަކުން ދެއްކި ކަމަށް އީޕީއޭއިން ބުންޏެވެ.
މިދިޔަ އޮގަސްޓް މަހު ފަރަށް އެރި ބޯޓު މަހެއްހާ ދުވަސް ފަހުން ފުންކޮށްގެން މަރާމާތުކުރުމަށް ސްރީ ލަންކާގެ ކޮލަމްބޯ އަށް ގެންދިޔަ މަގުމަތީގައި ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ.
"އެމްވީ އެންޖީއޯސީ ސަން" ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އީޕީއޭއިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ. ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ