ހަސަން ލަތީފުގެ ބިލުގެ މައްސަލަ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިންތިހާބު ބޭއްވެންދެން ދިގު ދަންމާލަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލުގެ މައްސަލަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
އިދިކޮޅުން ބުނެފައިވަނީ އެއީ ގާނޫނު އަސާސީ އާއި ހިލާފު ބިލެއް ކަމަށެވެ. އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ އެ ބިލަކީ ގާނޫނާއި ހިލާފު ބިލެއް ކަމަށް ވިދާޅުވެފައި އެވެ.
އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނީ “ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020” ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެެއް ކަމަށެވެ. ގާނޫނު އަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލެއް ނުކުރެވޭނެ ކަމަށެވެ.
އެ ދެ ޕާޓިން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބުތަކުގެ އުސޫލުތަކާ ތައާރުޒުވާ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ގާނޫނުގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ނުލިބިއްޖެ ނަމަ ފަރުވާ ހޯދަންޖެހޭ ތަނަކީ ސުޕްރީމް ކޯޓުކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، ނޫން ނަމަ ދެން އޮތް ގޮތަކީ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށެވެ.
އެހެންކަމުން އިއްޔެ މަޖިލީހަށް ބަލައިގެންފައިވާ ބިލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައި ހުރި އުސޫލުތަކާއި އަސާސްތައް ގަޑުބަޑު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައިގަ އެދެނީ ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނާއި ހިލާފު ބިލެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހަސަން ލަތީފު އެ ބިލް ހުށަހެޅުއްވުމުގެ ކުރިން ބަންޑާރަ ނާއިބު ވަނީ އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުން ނުވެގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި އެމްޑިޕީގެ ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ