ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދިރާގުން 1 މަސް ދުވަހުގެ ހިލޭ ޑޭޓާ ދެނީ

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައި ވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުން ކުރުމަށް އިންޓަނެޓްގެ ހިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ ވަރަށް މުހިންމު ވެފައި ކަމަށެވެ.
އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވާޗުއަލް ކްލާސްރޫމް ތަކާއި، އީ-ލާނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަ ކަމާއެކު ބޭނުން ކުރުން މަގުފަހިކޮށް ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން 5 ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭމް ނިންމާފައިވާ ކަމަށެވެ.
ދިރާގުން ބުނީ މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށް ދިނުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. ދަރިވަރުން ނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހުގެ ހިލޭ ޑޭޓާ އަކީވެސް މިގޮތުން ދިރާގުން ކޮށްދިން އެއްކަންތަކެވެ. މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުން ނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓު ވަނީ ދީފައެވެ.
އަދި ހަމައެއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ މާޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮން ތަކަކުން ވެސް 50 އިންސައްތަ ޑިސްކައުންޓް ދީ، ހިލޭ 10 ޖީބީ ވެސް ދިރާގުން ވަނީ ދީފައެވެ.
ދިރާގުން ބުނީ އުންމީދު ކުރަނީ، މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާ، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުން ކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް ކަމަށެވެ.
މީގެ އިތުރުން ދިރާގުން ވަނީ އިންޓަނެޓްގެ ހިދުމަތް މި ދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެން ވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ