ކޮވިޑް-19: އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސައްހީ ދާއިރާގެ ތަޖުރިބާކާރުން: ރައީސް

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި ސަރުކާރުގެ ކަމަކީ އެ މީހުންގެ ލަފަ އާއި އިރުޝާދުތައް ތަންފީޒު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ކޮރޯނާވައިރަސް އައި ފަހުން ފުރަތަަ ފަހަރަށް ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ، ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު، ޖެހިގެން އައި ޖެނުއަރީ 6 ން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާ އެކު ފިޔަވަޅުތައް އަޅަން ފެށި ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި މިހާތަަށް އަށް މީހަކު ރަނގަޅުވެފައިވާއިރު، ދިވެހި ރައްޔިތުން ވެސް ކުރަންވީ ކަމަކީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮަތަށް އަމަލު ކުރުން ކަމަށެވެ.
"އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން. މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަަބަބުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭ ކަން އަޅުގަނޑު ވެސް ގަބޫލުކުރަން،" ކޮވިޑާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި އޮތް މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.
"ނަމަވެސް ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވަންވީ މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަން. އަދި ހާލަތާ ގުޅޭ އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިހާރު ވެސް މި އަންނަނީ އަޅުގަނޑުމެން އަޅަމުން."
ރައީސް ވިދާޅުވި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) ގެ އިތުރުން 47 ދާއިރާއެއް، ކޮވިޑާ ގުޅޭ ތަފާތު މަސައްކަތައް އެބަކުރެ އެވެ. އެ ހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
މިއީ ބަލި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން
ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު 13 މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިިބީ ފަސް މީހުން ކަމަށް ވާއިރު، ރައީސް ވިދާޅުވީ، އަށް މީހަކު ރަނގަޅުވުމަކީ އެ ބަލި ނުފެތުރޭނެ ކަމަށް ގަބޫލު ކުރަންވީ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް، މުޅި ދުނިޔެ އިން ކޮވިޑް ބަލި ކޮންޓްރޯލް ނުކުރެވެނީސް ރާއްޖެ އަށް އެ ބަލި ނާންނާނެ ކަމަށް އަދިވެސް ދެންނެވެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގައި އަޅުގަނޑުމެން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ މީޑިއާ ބްރީފިން އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަ ދައްކަވަން ވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ކޮވިޑް ބަލި ފެތުރިދާނެ އެންމެހައި ދޮރުތައް ބަންދު ކުރުމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އާންމު ވިޔަފާރި އާއި އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އެ ގެއްލުން ވީ ވަރަކުން ކުޑަކުރުމަށް ކަމަށެވެ.
ރައީސް މިއަދު އިއުލާން ކުރެއްވި ގޮތުން ނަމަ، ވިސާގައި އަންނަ އެއްވެސް ބަޔަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އެތެރެއެއް ނުވެވޭނެ އެވެ. ނަމަވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް އޮތް ހުރަސް ނައްތާލުމަށްޓަކައި ޗާޓަރު ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ