ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުންނެވީ ފެއްޓެވި އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ވަރަށް ހިތްވަރާއިއެކުކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު މީޑިއާތަކަށް ފޮނުއްވެވި އޯޑިއޯ މެސެޖެއްގައެވެ.
ނަސްރީނާ އިބްރާހިމް ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް މައުމޫނާއި، ސިޔާސީ ގިނަ ބޭފުޅުންތަކެއް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ނިންމުމުން އެކަމާއި ވަރަށް ހިތާމަކުރައްވާކަމަށެވެ. ނަމަވެސް ހިތާމަކޮށް ދެރަފުޅުވީނަމަވެސް އެއީ ހިތްވަރުފުޅު ބަލިވީ ނޫންކަމަށް ނަސްރީނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ދެމި ހުންނަވާނެކަމަށާ ގިނިކަންޏާ ހުންނެވިނަމަވެސް އިސްލާހަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާކަމަށެވެ. އަދި ރައީސް މައުމޫން ރައީސް މައުމޫންގެ ހިތްވަރުފުޅު ބަލިނުވާކަމަށާ އެމަނިކުފާނުގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ނަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާ ވިދާޅުވީ ރައީސް މައުމޫން އިސްލާހީ މަސައްކަތް ފެއްޓެވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ނޫންކަމަށާ އެކަން ކުރައްވަން ފެއްޓެވީ އެންމެންކައިރީގައި ވިދާޅުވެ ހެޔޮ ނިޔަތުގައިކަމަށެވެ.
"އެ މަސައްކަތްޕުޅު މި ކުރެއްވީކީ ގާނޫނާއި ގަވާއިދާ ޚިލާފަކަށް ނޫން. އެންމެންކައިރީގައި ވިދާޅުވެގެން ހަމަ ހެޔޮގޮތުގައި ރަނގަޅަށް. އެހެންވީމަ އެކަންކުރައްވާނެ." ނަސްރީނާ ވިދާޅުވިއެވެ.
ދަރިކަލުން ފާރިސް މައުމޫންވެސް މަސައްކަތް ކުރެއްވީ ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމަށްކަމަށާ މަޖިލީހުގެ ތެރެއިން އެ މަސައްކަތް ފެއްޓެވީ ސަރުކާރުގެ ތެރެއިން ކުރެއްވި މަސައްކަތް ކާމިޔާބުނުވުމުންކަމަށެވެ.
މުޅި ގައުމުގެ އެންމެ މަސައްކަތް ކުރަމުން މިއަދު ގެންދަނީ އެއް މަގަކުންކަމަށާ ރައީސް މައުމޫން ހުންެނެވީ ވަރަށް ސީދާކަންމަތީކަމަށް ނަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާ ވިދާޅުވީ ޝަރީއަތް ނިމެންދެން ރައީސް މައުމޫނާއި، ފާރިސް އަދި އެހެނިހެން ބޭބޭފުޅުން ޖަލުގައި ބަންދުކުރެއްވުމަކީ ވަރަށް ހިތާމަކުރައްވާކަމެއްކަމަށެވެ. އަދި އިއްޔެއަކީ ރައީސް މައުމޫނާއި، ގިނަ އާއިލާތަކަށް ވަރަށް ހިތާމަވެރި ދުވަހެއް ނަމަވެސް ހިތާމައެއް ލިބުމަކީ ހިތްވަރު ދެރަކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި މިގޮތުގައި ހިތްވަރާއިއެކު މަސައްކަތް ކުރަން. މުޅި ގައުމަށް އެންމެން މި މަސައްކަތް ކުރަނީ އެއް އިސްރާބަކަށް އަޅުގަނޑުމެން އެންމެންނަށް އެނގޭ ވަރަށް އަވަހަށް ނަސްރު ލިބޭނެކަން. މައުމޫންގެ ހުންނެވީ ވަރަށް ސީދާކޮށް، ހިތްވަރުފުޅު ގަދަކޮށް." ނަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާ ވިދާޅުވީ މިއީ އެންމެންގެވެސް ގައުމުކަމަށާ އެހެންކަމުން އަންނަން އޮތް ޖީލުތަކާއި ހަމައަށް މިގައުމު އެންމެ ރަނގަޅުގޮތުގައި ގެންގޮސްދިނުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
"މައުމޫނަކީ ވަރަށް ގައުމު ދެކެ ލޯބިވާ ބޭފުޅެއް." ފިރިކަލުންނާއި ގުޅޭގޮތުން އޯޑިއޯ މެސެޖް ނިންމަވާލައްވަމުން ނަސްރީނާ އިބްރާހިމް ވިދާޅުވިއެވެ.
މައުމޫން ހުންނެވީ ވަރަށް ސީދާކޮށް، ހިތްވަރު ގަދަކޮށް: ނަސްރީނާ އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ