ރައީސް އަބްދުﷲ ޔާމީނަށް މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ހާލު ކުޑަކޮށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ "ރަށްވެހި ތަރައްގީ ފޮތް" އިފްތިތާހު ކުރުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ސަބަބުން މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ހާލު އެމަނިކުފާނަށް ކުޑަކޮށް ވެސް އެނގިވަޑައިނުގަންނަވާ ކަން ފަޅާއަރާފައިވާ ކަމަށެެވެ.
މާލޭގެ ހާލަތު ބަޔާންކޮށްދެއްވަމުން މާލެއަށް ނިސްބަތްވެވަޑައިގަންނަވާ ޝާހިދު ވިދާޅުވީ މާލޭގައި ގިނަ މީހުން ނިދަނީ ދަންފަޅި ބަހައިގެން ކަމަށެެވެ. އަދި މުޅި މާލެ ގޮނޑަކަށްވެ ނިމިއްޖެ ކަމަށާއި މާލޭގައި މީހުން ފިތިބާރުވެ ނޭވާލަނީ އެކަކު އަނެކެއްގެ މޫނަށް ކަމުން މާލޭގައި ރޯގާ ފެތުރިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ރަހްމަތް ހުރި ބޭފުޅެއް ނަމަ ރައްޔިތުންނާ ހަމައަށް ވަޑައިގެން މާލޭގެ ހާލަތު ބައްލަވާލެއްވުމަށްވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މާލެ އަކީ ތޮއްޖެހި ބިން ފުރިފައިވާ ރަށެއް ކަމަށް އެމަނިކުފާނު މިހާރު ގަބޫލުނުކުރައްވާ ކަމަށެވެ.
މާލޭގެ ތަރައްގީއަށް ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ފަދަ އެތައް އުސް އިމާރާތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި މާލެއިން ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މާލޭގައި 25 ބުރީގެ އިމާރާތް ހަދަން ހުއްދީފައިވާތީ އެ ހުއްދައިގެ ދަށުން އުސް އިމާރާތްތައް އެޅުމުގެ ގާބިލްކަން ހުރި ފަރާތްތަކަށް އުސް އިމާރާތްތައް ހަދަން ހުއްދަ ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
މާލޭގައި ރައްޔިތުން އުޅޭ ހާލު ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާކަން ފަޅާއަރައިފި: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ