ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ޣައްޒާގެ ދެކުނުން ސަރައްދީ އިން ހުރަސްކޮށް އިސްރާއީލުގެ ތެރެއަށް ވަދެގަތުމަށް ތިންމީހަކު މަސައްކަތް ކުރުމުން ސިފައިން ބަޑިޖެހީ ކަމަށެވެ.
އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އޭގެ ތެރެއިން ދެމީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. ޝަހީދުވެފައިވާ ދެމީހުންނަކީ އުމުރުން 23 އަހަރުގެ އަބްދުއްރަހްމާން ޤުދެއިހްއާއި، އުމުން 20 އަހަރުގެ މުހަންމަދު އަބޫ ރައިދާ ނަމަކަށްކިޔާ ދެ ޒުވާނުން ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއާއެކު، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ޣައްޒާގެ އާންމުން މިއަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހު ފެށި މުޒާހަރާގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ އަދަދު 51 އަށް ވަނީ އަރާފައެވެ.
އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ އެތައްސަތޭކަ މީހުން ޒަޚަމްވެފައިވެސް ވެއެވެ.
ޣައްޒާގެ އާންމުން މުޒާހަރާ ކުރަމުން ގެންދަނީ، ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އުފައްދައި، ގެދޮރުން ގަދަކަމުން ބޭރުކޮށްލެވުނު ފަލަސްތީނުމީހުން އަނބުރާ އެމީހުންގެ ބިމަށް އައުމުގެ ހައްގު ދިނުމަށް އެދިއެވެ.
މާޗް 30 ގައި މުޒާހަރާ ފަށައި، ކޮންމެ ހުކުރު ދުވަހަކު ވަރަށް ވަރުގަދައަށް މުޒާހަރާ ޖައްސަމުން ގެންދިޔަ ނަމަވެސް، މިހާތަނަށް އިސްރާއީލުގެ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ އާންމުންގެ ގަޔަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހައި މީހުން ޝަހީދު ކުރަމުންދާ މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ކުށްވެރި ކުރުންތައް އިސްރާއީލަށް ކުރިމަތިވެފައި ވެސް ވެއެވެ. މިމައްސަލަ ތަހްގީގު ކުރުމަށް އދއާއި، އެނޫންވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގޮވާލަމުންވެސް ގެންދެއެވެ.
އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނު ދެޒުވާނުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ