އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ފަށައިފިއެވެ.
އަންގާރަ ދުވަހުގެ މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދައީ އަޑުއެހުމުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފު ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކު ތޯ ތިން ބޭފުޅުން ކިބައިން ވެސް ސާފު ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަޑުއެހުމެއް އޮންނަކަން އެނގުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި އެވަގުތު ކޮޅުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ހާޒިރުކުރެވިފައި ވަނީ ކޮން މައްސަލައެއްގައި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ. އަލީ ހަމީދު ވެސް ވިދާޅުވީ އެމަނިކުފާނަށް ވެސް ކޯޓަށް ހާޒިރުވާން ޖެހޭކަން އެނގިވަޑައިގަތީ ކުއްލި ގޮތަކަށް ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނަށް ވަކީލެއް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ގާނޫނުގައިވާ ގޮތުން ވަކީލަކު ހަމަޖައްސަން އެންމެ ގިނަ ވެގެން ދެވޭނީ 10 ދުވަސް ކަމަށާއި އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ވަކީލަކު ހަމަނުޖެއްސޭ ފަދަ މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ ފަހުން އެ މުއްދަތު އިތުރު ކޮށްދެވިދާނެ ކަމަށެވެ.
ތިން ބޭފުޅުން ވެސް ވަކީލަކާ އެކު ކުރިއަށްދާން ބޭނުންވާތީ 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ގާޒީ ވިދާޅުވީ އެ ބޭފުޅުންނަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތު ދިނުމުގެ ގޮތުން އާއިލާއާ ބައްދަލު ކުރެވި އަދި ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސަން އެ ބޭފުޅުން ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ގާތު ވެސް އެދޭނެ ކަމަށެވެ. އަދި ވިދާޅުވީ މި ދައުވާއާ ގުޅިގެން ބާއްވާ ދެވަނަ އިބްތިދާއީ އަޑުއެހުން 10 ދުވަސް ހަމަވެ 11 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށް އެހެން ދައުވާތައް ވެސް ވަނީކޮށްފައެވެ. ނަމަވެސް އެ ދައުވާތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ. އަދި ރައީސް މައުމޫނުގެ މައްޗަށްވެސް ޓެރަރިޒަމް ދައުވާތައް ކޮށްފައިވާއިރު އެ ދައުވާތަކުގެ އަޑުއެހުން އަދި ނުފަށައެވެ. އެހެން ނަމަވެސް މި ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ސައީދު، މައުމޫނު އަދި އަލީ ހަމީދު އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ