ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ރައްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމާ ގުޅިގެން ރައީސް މައުމޫން ވަނީ އަބްދުﷲ ސައީދަށް މަރުހަބާ ވިދާޅުވެ ޓުވީޓު ކުރައްވާފައި އެވެ. އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުﷲ ސައީދުއަކީ އެންމެ އެކަށީގެންވާ ބޭފުޅާ ކަމަަށެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އެވެ.
އޭނާ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ރޭގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ވޯޓުގައި ބައިވެރިނުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވޯކް އައުޓު ކުރައްވާފައި އެވެ.
ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އަދި އެ ކޮމިޝަންގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ ވެސް އޭނާގެ ނަމެވެ.
އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހްމަދު ފާއިޒު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެނެނެވެ. އަބްދުﷲ ސައީދަކީ އިންތިގާލީ ސުޕްރީމް ކޯޓުގައި ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ