ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ސަބަބު މެމްބަރު ހުސެން ބުނެދެއްވީ ފޮޓޯއަކުން!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ޖެހެނީ ކީއްވެގެންކަން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ބުނެދެއްވައިފިއެވެ. ހުސެން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވާ ހިންގާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މުހިންމު ބައެއް މަޝްރޫއުތައް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ. އެގޮތުން އޭނާ ހިއްސާ ކުރެއްވި ފޮޓޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާއި، ހައްދުންމަތީ ބޮޑު މަގާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ކިންގް ސަލްމާން މިސްކިތާއި، ސިނަމާލެ ބްރިޖާ، ކޮންނަ ބޯޓު މަހާޖައްރާފާއި، އެސްޓީއޯއަށް ގެނައި ތެޔޮ ބޯޓާއި، ހުރަވީ ސްކޫލް ފެނެއެވެ. ހުސެން މުހައްމަދު ލަތީފު ވިދާޅުވީ އެންމެ ބޮޑު އެއާޕޯޓާއި، ހޮސްޕިޓަލާއި، މިސްކިތާއި، ސްކޫލާއި، ތެޔޮ ބޯޓާއި ޑްރެޖަރު ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އެންމެ ދިގު މަގާއި އެންމެ ފުރަތަމަ ބްރިޖުވެސް އަޅުއްވައިދެއްވީ ރައީސް ޔާމީންކަން ފާހަގަކުރައްވައި މެމްބަރުގެ ޓްވީޓުގައި ވަނީ ދިވެހި ރައްޔިތުންގެ އުއްމީދު ހުރީ މިފަދަ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށެވެ.
Emme” Bodu AirportEmme" Bodu HospitalEmme" Bodu Miskiyy Emme" Bodu SchoolEmme" Dhigu MaguEmme" Bodu Theyo BoatEmme" Bodu DraggerEmme" Furathama BridgeDhivehi rayyithun ge ummeedhu miadhu huree mifadha kurierumai tharaggee ah! RY minivan kuran jehey!#FreeRaeesYameenNow pic.twitter.com/pbYPfvyAMR— Hussain Mohamed Latheef (@SembeHucen) December 24, 2019
ރައީސް ޔާމީން މަނީ ލޯންޑަރ ކުރެއްވިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ވަކީލުން ވަނީ ހުށަހަޅުއްވައިފައެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ކަފާލާތަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެމަނިކުފާނަށް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ