ސޯޝަލް މީޑިއާ އަދި އެހެނިހެން ވަސީލަތްތަކުގައި އެކި ފަރާތްތަކުން ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ ބައްލަވާ، ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލުން ހޯމް މިނިސްޓަރާއެކީ މިއަދު ބޭއްވި ބައްދަލުވުމަށްފަހު، އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ އަދި އެހެނިހެން ވަސީލަތްތަކުގައި އެކި ފަރާތްތަކުން ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ، މިނިސްޓަރުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ.
އަދި އެ މައްސަލަތަށް ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން، މިނިސްޓަރު އުމަރު ދެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިކަމަށް ދެރަ ގޮތެއް މެދުވެރިވިނުވާނެ ހުރިހާ ގޮތެއް ހޯދައިދިނުމަށް އިސްދައުރެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އުމަރު ދެއްވި ކަމަށާއި، އަދި މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާ ގުޅޭ ބިލް އިތުރު މަރުހަލާއަކަށް ދިޔުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އުމަރު ދެއްވި ކަމަށް، އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދައުލަތުގެ އިވެންޓްތަކަށް މީޑިއާތައް ދައުވަތު ދިނުމުގައި، ހަމަހަމަ އުސޫލަކުން ހިނގާނޭ ގޮތް މެދުވެރިކޮށްދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް، މިނިސްޓަރު އުމަރު ވިދާޅުވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސަންގް ޓީވީގެ އިކްއިޕްމެންޓްސް ނުލިބި ލަސްވެފައިވާ ސަބަބު ހޯދައި، އެތަކެތި އަވަހަށް ހޯދައިދިނުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ކޯޓުތަކަށް ބައެއް މީޑިއާތަކުގެ ނޫސްވެރިން ނުވައްދާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި ކަމަށް، އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ ބަލާ ފިޔަވަޅު އަޅާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ