ބަންޑާރަ ނައިބުގެ އޮފީހާ ޔޫތު މިނިސްޓަރު ހަސަން ލަތީފު ހަވާލުވެވަޑައިގަތުމުން ދައުލަތް ހިމެނޭ މައްސަލަތައް ސިވިލް ކޯޓުގައި ބެލިދާނެތޯ މިއަދު މަޝްވަރާކޮށްފި އެވެ.
ކުރީގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު ދައުލަތް ހިމެނޭ އެއްވެސް މައްސަލަ ނުބަލާ ގޮތަށް ނޮވެމްބަރު 23 ގައި ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރު މިއަދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީސް ހިންގުން ހަސަން ލަތީފާ އިއްޔެ ހަވާލު ކުރެއްވުމުން މިހާރު ދައުލަތް ހިމެނޭ މައްސަލަތައް ބެލިދާނެތޯ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ކޯޓުން އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމަނިކުފާނަށް ގާނޫނީ ލަފާ ލިބިވަޑައިގަންފައިވާ ގޮތުގައި ވަޒީރަކު މުއައްސަސާއަކާ ހަވާލުވެވަޑައިގަތުމުން އެ މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ކޯޓުތަކުން ވެސް މިހާރު ދައުލަތް ހިމެނޭ މައްސަލަތައް ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީސް ހިންގުން ހަސަން ލަތީފާ ހަވާލު ކުރެއްވީ އެ އޮފީހުގެ ޑި ފެކްޓޯ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަހުމަދު އަލީ ސަވާދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާ މައްސަލަތައް މިހާރު ބެލިދާނެތޯ ކޯޓުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ