ގާސިމާއި ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށް ނާޒިމްގެ ބަންދުގެ މުއްދަތު ހައި ކޯޓުން އިތުރުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ބަންދުގައި ބޭތިއްބުމަށް ޖިނާއީ ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމާއެކު އެ ދެބޭފުޅުން މިނިވަން ކުރުމަށް އަމުރުކުރި އިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ގޭ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ނާޒިމްގެ ތިން ދުވަހުގެ ގޭ ބަންދާމެދު ފުލުހުން އިސްތިއުނާފު ކުރި މައްސަލައިގައި ހައި ކޯޓުން ހުކުމް ކުރީ ޖިނާއީ ކޯޓުގެ އަމުރަކީ ގާނޫނާއި ޝަރީއަތާ ހިލާފު އެއްޗެއް ކަމަށް ކަނޑައެޅެން ނެތް ކަމަށާއި ނަމަވެސް އެ އަމުރު އިސްލާހު ކުރަން ފެންނަ ކަމަށެވެ. އެހެންކަމުން މި މަހު 23 އަށް ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ. ގާސިމާއި ޔާމީންގެ މައްސަލައިގައި ވެސް ހައި ކޯޓުން ވަނީ ޖިނާއީ ކޯޓުގެ އަމުރަށް އިސްލާހު ގެނެސް ގޭ ބަންދުގެ މުއްދަތު ތިން ދުވަހުން 15 ދުވަހަށް އިތުރު ކޮށްފަ އެވެ.
ޖިނާއީ ކޯޓުގެ އަމުރު ނާޒިމް އިސްތިއުނާފް ކުރި މައްސަލައިގައި ހައި ކޯޓުން ހުކުމް ކުރީ އެ އަމުރަށް ހައި ކޯޓުން ހުކުމެއް ކޮށްފައި ވާތީ އިތުރަށް އެހެން ހުކުމެއް ކުރަން ނުފެންނަ ކަމަށެވެ.
ފުލުހުން އިސްތިއުނާފް ކޮށްގެން ހައި ކޯޓުން ނާޒިމްގެ ބަންދުގެ މުއްދަތު އިތުރު މި ކުރީ، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ މައްސަލައިގައި، ފުލުހުންނަށް އިސްތިއުނާފް ނުކުރެވޭނެ ކަމަށާއި އެ ބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިތާ ގަޑިއިރެއް ވެސް ނުވަނީހެވެ.
މަޖިލިހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޖޫން 29 ގައި ފުލުހުން ހަޔަރު ކުރި ގާސިމާއި ޔާމީންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރި ހުކުމްތައް ބާތިލް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ޖިނާއީ ކޯޓާއި ހައި ކޯޓުން ގާސިމާއި ޔާމިންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ގާނޫނާއި ޝަރީއަތާ އެއްގޮތަށް ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ބުރާސްފަތި ދުވަހު ނާޒިމު ހައްޔަރުކުރީ އޭނާ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދީފައިވާ ކަމަށާއި މިނިވަން މުއައްސަސާއަކަށް ބިރު ދައްކައި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށާއި ސިޔާސީ ފަރާތްތަކަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދިނުމަށް ރާވަމުންދާ ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ޖިނާއީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
ގާސިމާއި ޔާމީނާއި ނާޒިމްގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ފުލުހުންގެ ދެ ވަކީލުން މިއަހަރުގެ ނިޔަލަށް ޖިނާއީ ކޯޓުން މިއަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އެ ކޯޓުން މިރޭ ބުނީ އިންސްޕެކްޓަރ އޮފް މުހައްމަދު ރިޔާޒާއި އިންސްޕެކްޓަރ އޮފް މުހައްމަދު ޖިނާ ސަސްޕެންޑް ކުރީ ސުލޫކީ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް ކޯޓަކުން ނުބުންޏެވެ.
ފުލުހުންގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވާ އޮފިޝަލް މިރޭ ވިދާޅުވީ ދެ ވަކީލުން ސަސްޕެންޑް ކުރިކަން ކޯޓުން އަންގާފައި ވަނީ ޕޮލިސް ކޮމިޝަނަރަށް މިއަދު ފޮނުވި ސިޓީއަކުން ކަމަށެވެ. އަދި އެ ސިޓީގައި ބުނެފައި ވަނީ ސުލޫކީ މައްސަލަތަކެއްގެ ސަބަބުން ބަންދު ކުރި ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިކަމާ ބެހޭ ގޮތުން ފުލުހުންގެ ރަސްމީ ކޮމެންޓެއް އަދި ނެތް ކަމަށެވެ.
59: 18 - ޔާމީން ވެސް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
39: 17 - ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން ދެންމެ ބާތިލްކޮށް އޭނާ މިނިވަން ކުރުމަށް އަމުރު ކޮށްފި އެވެ.
ގާސިމް ހުންނެވީ 15 ދުވަހުގެ ގޭ ބަންދެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ޖިނާއީ ކޯޓާއި ހައި ކޯޓުން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ގާނޫނާއި ޝަރީއަތާ އެއްގޮތަށް ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ފަނަރަ ދުވަހަށް ގޭ ބަންދުކޮށްފައިވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ނިންމުމަށް ސުޕްރީމް ކޯޓުގައި ދަނީ ތައްޔާރު ވަމުންނެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ