ލަންކާގައި ޓައިގަރުން ވެރިކަންކުރާ ސަރަހައްދަށް ހަވީރު ޓީމެއް ހިނގައްޖެ

ސްރީލަންކާގައި ވަކިވެގަތުމަށް ހަނގުރާމަކުރާ ޓައިގަރު ޖަމާއަތުގެ ދަށުގައި އޮންނަ
ސަރަހައްދަށް ހަވީރު ނޫސްވެރިންގެ ޓީމެއް މިއަދު ހިނގައްޖެ އެވެ. ހަވީރުގެ އެކްޓިން އެޑިޓަރު މުހައްމަދު ޝަހީބާއި ސްޓާފް ފޮޓޯގްރާފަރު އަހުމަދު ސުނީ، ޖަފްނާ ކައިރީގައި އޮންނަ ކިއްލިނޮއްޗީ އަށް ދިއުން ވެގެން ދިޔައީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެތައް ހަނގުރާއެއް ހިނގައި، 60،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އެ ސަރަހައްދަށް ދިވެހި ނޫސްވެރިންގެ ޓީމެއް ދިޔަ ފުރަތަމަ ފަހަރަށެވެ.
ހަވީރުގެ ނޫސްވެރިންގެ ޓީމެއް ލަންކާ އަށް ގޮސް މި އުޅެނީ ލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރުމަށެވެ. މި ގޮތުން އިލެކްޝަނާ ގުޅޭ ތަފާތު ހަބަރާއި ފޮޓޯތައް ހަވީރު ޓީމުން ދަނީ ފޮނުވަމުންނެވެ.
ހަވީރު ޓީމު ކިއްލިނޮއްޗީ އަށް ދިޔައީ ވައިގެ މަގުން ޕެލާލޭ އެއާޕޯޓަށް ގޮސް، އެއްގަމުންނެވެ. ސްރީ ލަންކާ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދު ދޫކޮށް ޓައިގަރުންގެ ސަރަހައްދަށް ވަންނަންދެން، ވަރަށް ގިނަ ޗެކްޕޮއިންޓްތަކުން ފާސްކުރަން ޖެހުނު ކަމަށް ހަވީރު ޓީމުން އަންގަ އެވެ. ޓައިގަރުންގެ ސަރަހައްދަށް ވަންނަން ޖެހެނީ ރެޑްކްރޮސް އިން ބަލަހައްޓާ ނޯމޭންސް ލޭންޑުގެ ތެރެއިން ކަމަށް ވެސް އަންގަ އެވެ. އަދި ޓައިގަރުންގެ ސަރަހައްދަށް ވަނުމާއެކު، ޓައިގަރުންގެ އިމިގްރޭޝަނާއި ކަސްޓަމްސް އޮފިސަރުން ޗެކްކޮށް، ޓެމިލް އީލާމްގައި ރަޖިސްޓްރީކުރަން ޖެހުނު ކަމަށް ވެސް ހަވީރު ޓީމުން އަންގަ އެވެ.
އެ ޓީމުން އަންގާ ގޮތުގައި ލަންކާ ސަރުކާރާއި ތަމަޅަ ބާގީންނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ޖަފްނާ އާއި ކިއްލިނޮއްޗީގެ ގިނަ އިމާރާތްތައް ހުރީ ފުނޑުފުނޑުވެފަ އެވެ. ފާރުތައް ފޫގޮސްފައިވާ ގިނަ އިމާރާތްތަކުގައި ފުރާޅެއް ނެތް ކަމަށް ވެސް އަންގަ އެވެ.
މާދަމާގެ ރިޔާސީ އިންތިހާބުގައި ޓައިގަރުންގެ ދަށުގައިވާ ސަރަހައްދު މީހުން ވޯޓެއް ނުލާނެ އެވެ.
ޓައިގަރުންގެ ސިޔާސީ ބައިގެ އިސް އޮފިޝަލުންނާ ހަވީރު ނޫސްވެރިން މިއަދުގެ ވަގުތެއްގައި ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ