ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް )އެމްއެންސީ( އިން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދުކުރަން ނިންމައި، ޖުމްހޫރީ ޕާޓީއާ ގުޅިގެން ކޯލިޝަނެއް ހަދައިފި އެވެ.
ފަންސަވީސް ޕްރެސް ހޯލުގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންސީ ގުޅިގެން މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފީ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ތާއީދުކުރާ ކެންޑިޑޭޓަކަށް ގާސިމް ހަމަޖެއްސުމަށް ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށެވެ.
"ރޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފައިވައި ވަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސީމް އިބްރާހީމް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އައްސަދުﷲ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އާއި އެމްއެންސީ އަދި ޖުމްހޫރީ ޕާޓީން ގުޅިގެން ވަނީ ގާސިމް ޕްރޮމޯޓުކުރުމަށް އިއްތިހާދެއް ވެސް އުފައްދައިފައި ކަމަށެވެ.
"މި މަސައްކަތުން ލިބުނު ނަތީޖާއަކީ ގުޅިގެން މި އިންތިހާބުގައި ވާދަކުރަން އެބަސްވެވުނީ އަދާލަތު ޕާޓީ އާއި އެމްއެންސީ އަދި ޖުމްހޫރީ ޕާޓީއަށް. އެހެންކަމުން ޖުމްހޫރީ ގުޅުމުގެ ނަމުގައި ކޯލީޝަނެއް އުފައްދަން ނިންމައިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން އިސްނައިގެން އުފެއްދި ގައުމީ އިއްތިހާދަށް އެންމެ ފަހުން ގުޅުނު އެމްއެންސީގެ ވަގުތީ ލީޑަރު މުހަންމަދު ނައީމް ވިދާޅުވީ ތިން ޕާޓީ ގުޅިގެން މިހާރުގެ ސަރުކާރުގެ ވެރިކަން ނިންމުމަށްޓައި އިއްތިހާދުވެފައިވާ ކަމަށެވެ.
"މި ހުދުމުހްތާރު ވެރިކަން ނިންމުމަށް މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އިން ފެށުނީއްސުރެ ކުރަމުންދާ މަސައްކަތަށް އާ ސިލްސިލާއެއް މިއަދު ފަށައިގެން މި ގެންދަނީ،" ނައީމް ވިދާޅުވި އެވެ.
ގައުމީ އިއްތިހާދުގައި ވެސް ބައިވެރިވެފައިވާ އަދާލަތު ޕާޓީން ބުނީ އެ ޕާޓީން އެންމެ ފަހު ވަގުތާ ހަމައަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ފުރުސަތު ދިން ކަމަށެވެ. އެ ގޮތުން އެ ޕާޓީން ކެންޑިޑޭޓުން ދިރާސާކުރުމަށް ކަނޑައެޅި ކޮމެޓީ ގާތްގަނޑަކަށް ފަންސާހެއްހާ ބައްދަލުވުން ބޭއްވިއިރު އެމްޑީޕީއާ އެކު ގާތްގަނޑަކަށް 25 ރަސްމީ ބައްދަލުވުން ބޭއްވި ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް ހުސެން ރަޝީދު ވިދާޅުވީ އެ ޕާޓީން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ޑރ. ހަސަން ސައީދު ނުވަތަ ގާސިމް އިބްރާހިމްގެ ރަނިންމޭޓެއްގެ ފުރުސަތު ދިން ކަމަށެވެ.
"އެމްޑީޕީން ބުނީ މިހާރު ތިމަންނަމެންނަކަށް ނެތޭ ތިރިއަށް ޖެހެވޭކަށް. އަންނަންޏާ ތިމަންނަމެންނާ އެއްކޮށް އަންނާށޭ. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރުވީ އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅެން،" ހުސެން ރަޝީދު ވިދާޅުވި އެވެ.
އަދާލަތު ޕާޓިން ބުނީ ޖުމްހޫރީ ގުޅުމުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ހަސަން ސައީދު އެކަށީގެންވާ ގޮތެއްގައި އެއްބާރުލުމެއް ދެއްވައިފައިނުވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ސްކޮލާޝިޕް ލިބިފައިވާ ބަޔަކު ތިބިކަމުގައި ވިއަސް އެ ޕާޓީއަކީ އެއްވެސް މީހަކަށް ވިކޭނެ ޕާޓީއެއް ނޫން ކަމަށެވެ.
ގިނަ އަދަދެއްގެ ވިޔަފާރިވެރިން ހިމެނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ އެ ޕާޓީން އެއްވެސް މީހަކު ގަންނަން ރިޝްވަތު ދީފައި ނުވާނެ ކަމަށެވެ.
"ވިލާ ފައުންޑޭޝަނުން އެއްވެސް ކަހަލަ އޮބްލިގޭޝަނެއް ނެތޭ ވިލާއިން ސްކޮލާޝިޕެއް ދީފައިވާތީ ނުވަތަ އެހެން ކަހަލަ އެހީތެރިކަމެއް ދީފައިވާތީ ވަކި ފަރާތަކަށް ޖެހެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާނުންނަކީ ދީފައިވާ އެހީއެއްގެ ސަބަބުން އެއްވެސް މީހެއްގެ އަޅުވެތިވާންޖެހޭ މީހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
28: 12
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމަށް އަދާލަތު ޕާޓީ އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އިން ތާއީދުކުރާ ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.
(އިތުރު ތަފުސީލި އަންނަނީ....)
ރިޔާސީ އިންތިހާބު 2008 އަދާލަތާއި އެމްއެންސީން ގާސިމަށް ތާއީދުކޮށް ކޯލިޝަނެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ