ރިޔާސީ އިންތިހާބު 2008: އައްޑޫގައި ޕައިލެޓުން ތަމްރީނު ކުރާ ސްކޫލެއް ހެދުމަށް ވަނީ ހަމަޖައްސައިފައި: ތަސްމީން

އައްޑު އަތޮޅުގައި ޕައިލެޓުން ތަމްރީނު ކުރާ ސްކޫލެއް ހެދުމަށް ހަމަޖައްސައިފައިވާ ކަމަށް ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމުގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ކުރެއްވުމަށް ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ސަރުކާރުން އައްޑޫގައި ގާއިމުކުރަން ހަމަޖައްސައިފައިވާ ޕައިލެޓް ޓްރޭނިން ސްކޫލުގެ އެއްބަސްވުމުގައި ވެސް ސަރުކާރުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
"އައްޑު އަތޮޅުގައި ޕައިލެޓުން ތަމްރީނު ކުރާ ސްކޫލެއް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރޭޑިން މިނިސްޓްރީގެ ފޮރިން އިންވެސްޓްމަންޓް ބިއުރޯ އިން މިހާރު ވަނީ ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި މިފަދަ ޓްރޭނިން ސްކޫލެއް އައްޑު އަތޮޅުގައި ގާއިމު ކުރުމުގެ އެގްރިމެންޓްގައި ސޮއިކުރައްވާފައި،" ޑީއާރްޕީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ތަސްމީން ވިދާޅުވި އެވެ. "މިފަދަ ކޮންމެ ބައްދަލުވުމަކުން ވެސް އަޅުގަނޑުމެންގެ ގައުމަށް ލިބިގެން ދިއުމަކީ ވެސް ގައުމުގެ ތަރައްގީގެ ތެރޭގައި މުހިއްމު ފިޔަވަޅެއް އެޅޭ ކަމެއް. އަޅުގަނޑު އެންމެ އުފާވާ ކަމަކީ މިމަޝްރޫ އަށް ބަލާއިރު މިއީ މިސަރަހައްދުގެ ހާއްސަކޮށް ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ކިޔަވައި ދިނުމުގައި ހާއްސަ ކޯޓާއެއްގެ ހަމަޖެހިގެންދާނެ ކަމަކަށް ވާތީ."
ޕައިލެޓުން ތަމްރީނު ކުރާ ސްކޫލު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވީ އެމަޝްރޫއު ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވެފައިވާ ކަމަށާއި އެޕްރޮޖެކްޓް ބިޑު ވެސް ކޮށްފައިވާ ކަމަށެވެ.
"މިއަދު އެކަން ނުފެށި މިއޮތީ މިއަހަރުގެ ސަރުކާރުގެ ބަޖެޓުގެ ދަތިކަމުން. އެހެންނަމަވެސް މަސައްކަތަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައި،" މައުމޫން ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ބަޖެޓުން އެކަމަށް ފައިސާ ލިބުނީމާ ވަރަށް އަވަހަށް އެކަން ފެށޭނެ."
ތަސްމީން ވިދާޅުވީ ރާއްޖެ އިގުތިސާދީ ގޮތުން ކުރިއެރުވުމަށް މިހާރުގެ ސަރުކާރުން ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާފައިވާ ކަމަށާއި މިހާރު ފެންނަން ހުރި ތަރައްގީގެ އުސްމިންތަކަކީ ވެސް ރައީސް މައުމޫނުގެ ހަރުދަނާ އިގުތިސާދީ ސިޔާސަތުގެ ސަބަބުން ގައުމަށް އައިސްފައިވާ ކުރިއެރުން ކަމަށެވެ.
"އިގުތިސާދީ ދާއިރާއަކީ މީގެ ކުރިން ވަރަށް ހީނަރުކޮށް އޮތް ދާއިރާ އެއް. މާބޮޑެތި ކަންތައްތަކެއް ކުރުމުގެ ފުރުސަތު އޮތް ދާއިރާ އެއް ނޫން. މިއަދު އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައި،" އެޓޯލްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އިގުތިސާދީ ބިންގާ މިއަދު މިވަނީ ވަރަށް ފުޅާކުރެވިފައި. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު މިހާރު ވަނީ މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާ އިރު ވަރަށް ބޮޑަށް މައްޗަށް ޖެހިގެން ގޮސްފައި. މިއީ އަޅުގަނޑުމެންގެ ސަރަހައްދީ ނިސްބަތުން ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަންތައްތައް ކުރިއަށް ދާ ނިސްބަތަށް ބެލިއަސް ވަރަށް މަތީ ނިސްބަތެއް. މިއީ ވަރަށް ގިނަ ގައުމުތަކުން ހާސިލް ނުކުރެވިގެން އުޅޭ ކާމިޔާބީއެއް."
ތަސްމީން ވިދާޅުވީ ރާއްހެ މިހާރު އާދެވިފައިވާ ހިސާބަށް ބަލާ އިރު މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި ވަނީ އިންސާފުވެރި ވިޔަފާރިވެރި މާހައުލެއް ގާއިމު ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ