ހާއްސަ މަޖިލީހުގެ މ. މެމްބަރު ޝަފީގު ދުއްވާ ސައިކަލު އަންދާލައިފި

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރު އަހުމަދު ޝަފީގުގެ ސައިކަލުގައި ރޭ ފަތިހުގެ ވަގުތެއްގައި ރޯކޮށްލައި އެ ސައިކަލް އަންދާލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް މިއަދު ވިދާޅުވީ ޗާނދަނީމަގާއި ކުރިކީލަމަގު ގުޅުނު ހިސާބުގައި ހުރި ސައިކަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 00: 5 ހާއިރު އާންމު ފަރާތަކުން ދިނުމާ ގުޅިގެން އެތަނަށް ގޮސް ބެލިއިރު ސައިކަލުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި އަލިފާން ނިއްވާލާފައިވަނީ ސިފައިންގެ ފަޔާ ސާވިސްގެ ފަރާތުން ކަމަށެވެ.
ސައިކަލުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލިއިރު ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ ސައިކަލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް ބޮޑަށް ބެލެވެނީ ކޮންމެވެސް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރުގެ ސައިކަލުގައި ރޯކޮށްލާފައިވާ ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ޝަފީގުގެ ސައިކަލުގައި ރޯކޮށްލުމާ ގުޅިގެން އެމްޑީޕީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެހެން ނަމަވެސް، މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ޝަފީގާ މިއަދު ވަނީ ގުޅޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ