އޮޅުވާލައިގެން ފައިސާ ނަގަމުންދިޔަ މީހެއްގެ މައްސަލަ ޕީޖީއަށް

ކުންފުންޏެއްގެ ނަމުގައި އެކި މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާ ބޭނުން ކުރިކަމަށް ތުހުމަތުވާ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މާލޭ ދަފްތަރު 676 އިބްރާހިމް ޝަރާހު 31، ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި އޭނާ މަސައްކަތް ކުރިއިރު، އެ ކުންފުނިން އުފައްދާފައިވާ ގްލޯބަލް މެމްބާޝިޕް ކްލަބަށް މެމްބަރުން ރަޖިސްޓްރީ ކުރުމުގައި އޭނާ މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ ގްލޯބަލް މެމްބާޝިޕް ކުލަބަށް މެންބަރުން އިތުރު ކުރުމަށް ރަޖިސްޓްރީ ކުރާ ފޯމާއި ޕޭމަންޓް ރިސިޕްޓް ފޯޖް ކޮށްގެން އެ ކުލަބަށް މެމްބަރުން ވެއްދުމުގެ ނަމުގައި އެކި އެކި މީސް މީހުންގެ އަތުން މަކަރާއި ހީލަތުން އޭނާ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝިއަލް ކްރައިމްް ޑިޕާޓްމަންޓުން ތަހުގީގު ކުރި އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ