ސިފައިން ނުކުމެ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން "ސައްޕެއް" ޖަހާފައި ބޭރުކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
"ދެން ތިހެނެއް ނުކިޔޭނެ" ޝިއާރުގެ ދަށުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލެއް ކަމަށްވާ އިންތި ވިދާޅުވީ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް އަބްދުﷲ ގާޒީގެ މައްސަލަ ވެއްދުމުން "މޮޔަނުވީ" ކިރިޔާ ކަމަށެވެ.
"ކުއްލި ހައިރާން ކަމަކާ އެކު އަޅުގަނޑުމެންނަށް އިވިގެން ދިޔައީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް [އަބްދުﷲ ގާޒީ ހައްޔަރުކުރި] މައްސަލައެއް ހުށަހެޅި ވާހަކަ. މާތް ކަލާކޯ މީހަކު މޮޔަ ނުވާނެތޯ؟ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ މައުމޫނު ކަހަލަ މީހުންނަށް ތައްޔާރުކޮށްފައިވާ ކޯޓެކޭ. އަޅުގަނޑު ހަމަ އެ ހަބަރު އަޑު އަހާފަ މޮޔަނުވީ ކިރިޔާ. އަޅުގަނޑަށް ޔަގީން ހަމަ ސައްޕެއް ޖަހާފަ އެ މައްސަލަ ބޭރުކޮށްލާނެކަން،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގެ ޕްރޮސިކިއުޓަރުން ބަލާ ވެސް ނުލާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ވާހަކަ ދައްކާއިރު އެ ބޭފުންނަށް ނޭނގެނީ ބާވައޭ އެ ކޯޓަކީ ބޮޑެތި ގަތުލްއާންމުތަކާ މިފަދަ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ބަލާ ތަނެއް ކަމެއް. އަބްދުﷲ ގާޒީ ސިފައިން ނޫނީ ފުލުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގެންދިއުމާ އަޅުވާ ކިޔާކަށް ވެސް. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ޖަލުތަކުގައި ބޮލަށް ބަޑިޖަހާ މީހުން މެރުން ފަދަ ޖަރީމާތައް ހިންގާ މީހުންނަށް ތައްޔާރުކޮށްފައިވާ ކޯޓެއް. ކޮން ކަހަލަ މައްސަލަތަކެއް ހިމެނޭ ކޯޓެއްތޯ އެއީ. މި މީހުންނަށް ހީވަނީ 30 އަހަރު ޖަރީމާތައް ހިންގާފަ އެއީ ހަމަ ރަނގަޅު ކަމެއް ކަމަށް. އެހެންވެ އެ މީހުންނަށް އިހުސާސެއް ނުކުރެވޭނެ ޖަރީމާއަކީ ކޯއްޗެއް ކަމެއް. އެހެންވެ އަބްދުﷲ ގާޒީ ގެންދިޔައީމަ އެވީ އެކަން ޖަރީމާ އަކަށް،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވެފައިވަނީ ރައްޔިތުންނަށް އަދުލުއިންސާފު ހޯދައިދޭން ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ގައުމަށް އަދުލު އިންސާފު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ބައެއް ކަމަށް ނުބުނަމުތޯ؟ އަޅުގަނޑުމެން ބުނަމުން ދިޔައީ މި ގައުމުގައި ކުރީގައި ވެދިޔަ ހުރިހާ ކަމެއް ނުބެލި އޮތީ މި ގައުމުގައި އިންސާފު ނެތީމައޭ. ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ ހުރިހާ ކަމެއްގައި މި ސަރުކާރު ބައިވެރިވަމުން ގެންދާނެ. އެއީ މި ގައުމާއި ކުރިއަށް އޮތް ޖީލުތަކުގެ ހައްގުގައި ކުރާ ކަމެއް،" އިންތި ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ އައިސީސީން ސައްޕެއް ޖަހައިފައި ބޭރުކޮށްލާނެ: އިންތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ