އަހަރު ދުވަސް ވިއަސް އަބްދުﷲ ގާޒީ ގިރިފުށީގައި ބައިންދާނަން: ރީކޯ މޫސަ

ސިފައިންގެ ބެލުމުގެ ދަށުން ގިރިފުށީގައި ގެންގުޅެމުން އަންނަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކަށް އޭނައާ ކައިރިނުވެވޭނެ ކަމަށާއި އަހަރު ދުވަސް ވިއަސް ގިރިފުށީގައި ގާޒީ ބައިންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
"އޭނދީ އަބްދުﷲ ގާޒީ ބައިންދާފަ. ނެރެބަލަ މޮޅިއްޔާ ގިރިފުއްޓަށް ގޮސް! ގެނެސްބަލަ! ލާހިކު ކުޅަދާނައެއް ނޫން ކައިރިވާކަށް ވެސް! ހަމަ ބައިންދާނަން އަހަރު ދުވަސް ވިއަސް! ނެރުނީމަ ވާގޮތް އެނގޭނީ އަބްދުﷲ ގާޒީ އަށޭ،" އެމްޑީޕީގެ "އިންސާފުގެ ދަތުރު" ޖަލްސާގައި މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތަކާ ހެދި އަބްދުﷲ ގާޒީ އަށް ކޯޓަށް ނުވަދެވޭނެ ކަމަށާއި އޭރުން ލިބޭ އަނިޔާ މާބޮޑުވާނެ ކަމަށެވެ. އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދަން ޖެހުނީ ވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ސަބަބުން ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އޭނާއާ ގުޅިގެން ނިންމަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި އަބްދުﷲ ގާޒީ ހިފަހައްޓާފައި ބަހައްޓަން ޖެހޭ މައްސަލަތަކެއް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ބައަކަށް ބަހުގެ ހަމަލާތައް މޫސަ ދެއްވި ޖަލްސާގައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދަށް ނިސްބަތްކޮށް އޭނާ ވިދާޅުވީ ޖޭއެސްސީ ހުޅުވައި އަބްދުﷲ ގާޒީއާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން އާދަމް މުހައްމަދުގެ ގޭގެ ދޮރު ކައިރީގައި މަޑުކުރަން ޖެހިދާނެ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ބަހައްޓަވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މޫސަ ދެއްވި އެވެ.
"އިސްލާހްވެގެން [އާދަމް މުހައްމަދު] އަންނަންވީ. އެހެން ނޫނިއްޔާ އެމްއެންޑީއެފަށް ގޮވާލަން އަބްދުﷲ ގާޒީއާ ޖެހިގެން އަނެއް ކޮޓަރީގައި ބޭންދުމަށް. އެކަން އިސްލާހްކުރަން ވެއްޖިއްޔާ އެކަން ކުރެވެން އޮންނަ ގޮތަކަށް އަޅުގަނޑުމެން ޖެހޭނީ ކުރަން،" އޭނާ ވިދާޅުވި އެވެ.
ރީކޯ ވިދާޅުވީ ޝަރުއީ ދާއިރާގެ ހިމާޔަތުގައި ކަމަށް ބުނެ މުޒާހަރާކުރާ މީހުންގެ ބައި މަދުވެ، މިހާރު ބޮޑުފާރުން ބޭރުވެފައިވާ ކަމަށެވެ. އަދި މުޒާހަރާކުރާ ފަރާތްތައް މިހާރު "މަރަށް ތެޅެނީ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިސްލާހުކުރުމަށް އެމްޑީޕީން ނުކުތީ ހިތްވަރާ އެކުގައި ކަމަށާއި ބިއްލޫރިތައް ތަޅާލައި އެއް ފައި ބުރިކޮށްލި ނަމަވެސް އިންސާފުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހައްދުން ނައްޓާފައި ކަމަށާއި އެފަދަ އެއްވުންތަކުގައި ބިއްލޫރި ތެޅުން ފަދަ އަމަލުތައް ހިންގާ ނަމަ އެމްޑީޕީ މެމްބަރުން ވެސް ދިފާއުގައި ނުކުންނަން ޖެހިދާނެ ކަމަށެވެ.
އެ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނަށް ނިސްބަތްކުރައްވައި މޫސަ ވިދާޅުވީ އެމްޑީޕީ މެމްބަރުންނަށް އެކި ބަލިތައް ޖެހޭތޯ އިމްރާން ބަދުދުއާކުރައްވާފައިވާ ކަމަށާއި އެ މުޒާހަރާގައި މުރުތައްދު ވިއަސް ނޭނގޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕޯޑިއަމްތަކުގައި ދީނީ ވާހަކަ ދައްކައި ފަތުވާ ނުދިނުމަށް މެމްބަރުންނަށް މޫސަ އިލްތިމާސްކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޝާރާތްކުރައްވައި ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރެއްވިއިރު ރައްޔިތުންނަށް "ދަރަންޏަށް ދައްކަން ހުރި ފައިސާ ގިނަވާނެ" ކަމަށެވެ. އަދި ލާރި ހަރަދުކޮށްގެން ވެރިކަން ވައްޓާލާނެ ކަމަށް އަބްދުﷲ ޖާބިރު ވިދާޅުވި ނަމަވެސް އެއީ ވެސް ވާނެ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުންގެ ދަރަނިތައް އެއަށް ވުރެ ބޮޑު ކަމަށެވެ.
މޫސަ ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިއާ ޗަމްޕާ މުހައްމަދު މޫސާ އަކީ ވެސް "ރައްޔިތުންނާއި ގައުމު ކައި ހުސްކޮށްފައި ހުރި މީހެއް" ކަމަށާއި އޭނާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.
މިރޭގެ ޖަލްސާގައި މޫސަ ވަނީ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހީމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ ނަން ފޮނުވައިގެން އެތަނަށް ފުންމާލި މީހެއް މީނައަކީ. ވަރިހަމަ ސަރުކާރު މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާ ދިނަސް ގަވާއިދާ ހިލާފަށް ދީފައޭ ކިޔާ ރިޕޯޓްތައް ނެރޭ،" މޫސަ ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓްތައް ނެރެން ޖެހެނީ މި ދަނޑިވަޅުގައިތޯ ސުވާލު އުފައްދަވައި މޫސަ ވިދާޅުވީ އަބްދުﷲ ގާޒީ ގެންދިއަ ފަހުން ހުކުމްކުރާ ތަނަކީ އޮޑިޓް އޮފީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ