ސިފައިން ނުކުމެ ރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހެޅުމަކީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކުރައްވާފައިވާ އަނިޔާތަކުގެ ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތެއް ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި އެވެ.
ސަރުކާރާ މެދު ކުރާ ދޮގު ތުހުމަތުތައް ހުއްޓުވުމަށް ފަށާފައިވާ "ތިހެނެއް ނުކިޔޭނެ" ސިލްސިލާ ބައްދަލުވުމުގައި ރޭ ނަސީމް ވިދާޅުވީ އައިސީސީ އެއީ ކޮންކަހަލަ ކޯޓެއްކަން ނޭނގި ވަކީލުންތަކެއް އެ މައްސަލަ އެ ކޯޓަށް ހުށަހެޅުމަކީ "ލަދުކަމެއް" ކަމަށެވެ. އަދި އެކޯޓުން އެ މީހުންގެ ބާރު ބޭނުންކޮށްގެން މައްސަލަ ބަލައިގެންފި ނަމަ އެއީ މައުމޫން 30 އަހަރު ކުރައްވާފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ލިބުނު ފުރުސަތެއް ކަމަށާއި މައުމޫން ސަރުކާރުގައި އަނިޔާ ލިބުނު ކޮންމެ ރައްޔިތަކަށް އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތްކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މައުމޫން އަބްދުލްގައްޔޫމް. އޭނާ އަޅުގަނޑުމެންގެ މުޖްތަމައުގައި މި ގޮތަށް ދޫކޮށްލާފައި ހުރުމަކީ މައްސަލަތައް އުފެދޭނެ ކަމެއް. އޭނާ ހިފާ ހައްޔަރުކުރަންޖެހޭނެ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީއެއްގައި މިހާރު މި ފެންނަނީ ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ. އަދި ޑިމޮކްރެސީ ހަލާކުކޮށްލުމަށް ކުރީގެ "ޑިކްޓޭޓަރުން" ނުކުމު ހަނގުރާމަކުރުމަށް ގޮވާލަމުން ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެ ކަހަލަ ވާހަކަތައް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައުމޫން ވަނީ މައުމޫނަށް އަދި ޕީޕީއެމް ވަނީ މައުމޫނަށް" ނަސީމް ވިދާޅުވި އެވެ.
ކުރީގައި ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށާއި ބައެއް މީހުންނަށް އަނިޔާކުރި މަންޒަރުތައް އޭނާގެ ލޮލަށް ފެނިފައިވާ ކަމަށާއި އެ އަނިޔާގައި ބައެއް މީހުން މަރުވެފައިވާ ކަމަށް ވެސް ނަސީމް ތުހުމަތުކުރެއްވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގެއަށް ސިފައިންނާއި ފުލުހުން ވަދެ ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ. އޭގެ ފަހުން ސިފައިން، އޭނާގެ އާއިލާ އަށް އޭނާ ހުރި ތަން އެންގީ ހައްޔަރުކުރިތާ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. އަބްދުﷲ ގާޒީ މިހާރު ހުންނެވީ ގިރިފުށީގައި ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން މިނިވަންކުރުމަށް، ހަމަ އެރޭ ސުޕްރީމް ކޯޓުން އަމުރުކުރި ނަމަވެސް އަދި ވެސް އަބްދުﷲ ގާޒީ މިނިވަނެއް ނުކުރެ އެވެ.
އައިސީސީ އަށް އަބްދުﷲ ގާޒީގެ މައްސަލަ ހުށަހެޅުމަކީ "ލަދުކަމެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ