ރިޔާސީ އިންތިހާބު 2008 އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: އެމްޑީޕީ އިއްތިހާދު

އަންގާރަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިއްތިހާދުން ބުނެފި އެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިއްޔެ ހަވީރު ހިތަދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގައުމީ އިއްތިހާދު ޕާޓީގެ ނާއިބް ރައީސް ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އައްޑު އަތޮޅުން ވެސް އިއްތިހާދަށް 70 ޕަސެންޓް ވޯޓު ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތި މިހާރު ވަރަށް ބޮޑަށް ޔަގީން ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް،" ޑރ. މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން، ކާމިޔާބު ނުކުރެވިއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތަކާ މެދު ވިސްނައިފައި ވެސް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތުމުން ދެން ކީއްވެތޯ އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ބަލާފައި ފަހުން ކަންތައްތައް ކުރާނެ ގޮތެއް ނިންމަންވީ. އެހެން ވީމާ އަޅުގަނޑުމެންނަށް މިފަހަރު މި އިންތިހާބު އެއްވެސް ދަތިކަމެއް ނެތި ކާމިޔާބު ކުރެވޭނެ. އެއީ ޔަގީން ކަމެއް،" ޑރ. މުސްތަފާ ވިދާޅުވި އެވެ.
އެމްޑީޕީ އިއްތިހާދުން މިހާރު ދުއާކޮށް ތަކުބީރު ކިޔަމުން އަންނަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވާތީ ކަމަށް ޑީއާރްޕީން ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ އިއްތިހާދުން މަސައްކަތްކުރަނީ ދީނުގައި ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށެވެ. އަދި ދުއާކުރުމަކީ އެއްވެސް ހާލެއްގައި ޑީއާރްޕީ އަށް ފާޑުކިޔޭނެ ކަމެއް ނޫން ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.
ހަނދުފުށި ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން ޑީއާރްޕީ އަށް ތާއީދު ކުރާ މުވައްޒަފުންނާ ދޭތެރޭ އެރިސޯޓުން ފިޔަވަޅު އަޅަމުން އަންނާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އިއްތިހާދުން ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ އެއް ނާއިބު ޒައީމް ކަމަށްވާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގަމުން އަންނަ ރިސޯޓުގެ މެނޭޖްމަންޓުން އެކަހަލަ އަމަލެއް ކުރާނެ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް ހަނދުފުއްޓާ ބެހޭ ގޮތުން މާބޮޑު މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އިއްތިހާދުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ