އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް: ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ: ޑރ. މުނައްވަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ދިވެހި މަސްވެރިންނަށް ދިވެހި ކަނޑުތަކުގެ ފައިދާ ވީހާ ވެސް ބޮޑަށް ނެގޭނެ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާ އެޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅު ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ބޭއްވި އޭނާގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބް ވިދާޅުވީ "ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގައި ދިވެހި ސަރުކާރުން އިހުމާލްވެފައިވާ" ކަމަށާއި "އެކަން ސަރުކާރުން ނަންގަވަނީ ވަރަށް ލުއި ގޮތަކަށް" ކަމަށެވެ.
"އަޅުގަނޑުމެން މަސްވެރިކަމުގެ ވާހަކަ ދައްކާ އިރު ކެނޑިނޭޅި އިވެމުން ދަނީ އަޅުގަނޑުމެންގެ ކަނޑުތަކުން ބިދޭސީ ބޯޓްތަކުން މަސް ހިފަމުންދާ ވާހަކަ. އަޅުގަނޑުމެންނަށް ދިވެހި ސަރުކާރުން ކަމުގެ ހަގީގަތެއް ހާމައެއް ނުކުރޭ. އަޅުގަނޑުމެންގެ މަސްވެރިން އަބަދުވެސް ބުނަމުން މިއަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަންވާ ވަރާ ގާތަށް ވެސް ބަލަހައްޓަމުންނެއް ނުދެއޭ. ތިމަންނަމެންނަށް ބޭރުގެ ބޯޓްފަހަރު އެބަ ފެނެއޭ. ވަމުންދާ ގޮތެއް ނޭނގެއޭ،" ޑރ. މުނައްވަރު ވިދާޅުވި އެވެ. "ގަބޫލު ކުރެވެނީ އަޅުގަނޑުމެންނަށް ކޮންމެ ވެސް ސިފައެއްގައި ކުރިން ވާ އެއްޗެއް ނޭނގި އަޅުގަނޑުމެންގެ މަސް ކަނޑުތަކުގެ ފައިދާ ދިވެހިންނަށް ނުލިބޭ ގޮތަށް ބަޔަކު ކުރަމުން ގެންދަނީ ކަމަށް. އެފައިދާ ބަޔަކު ނަގަމުން މިގެންދަނީ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމެއް."
ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަގު ހެޔޮކޮށް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިހާރު ދޭން ޖެހިފައި މިއޮތީ ރާއްޖޭގެ މަސްވެރިކަމުގެ ސަރަހައްދާއި އަޅުގަނޑުމެނަށް ލިބިފައިވާ ކަނޑުގެ ރިސޯސްތައް ދިވެހި ރައްޔިތުންނަށްޓަކައި ހިމާޔަތްކޮށް ދިނުން. އެއީކީ އަޅުގަނޑުމެންނަށް އިހުމާލްވެވޭނެ ކަމެއް ނޫން،" ޑރ. މުނައްވަރު ވިދާޅުވި އެވެ. "މިއަދުގެ ސަރުކާރުން އެކަން ލުއިކޮށް ނަންގަވާ ކަމީ ދިވެހި ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ދެކޭ ގޮތް، ލުއި ގޮތް ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް. އަޅުގަނޑުމެން އެމްޑީޕީން ދެކެނީ އެކަންކަން ހުއްޓުވައި މިގައުމަކީ ދިވެހި ރައްޔިތުންގެ ގައުމަކަށް ހެދުން."
ޑރ. މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް ދެއްވާ ކަމަށެވެ.
"އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރާނެ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމާއި އަދި ދިވެހިންގެ މަސްވެރިކަން ދިވެހިންނަށް ހާއްސަ ކުރުން ހިމެނިގެން ދާނެ."
"ހާދިމުކުމް" މިޝިޔާރުގެ ދަށުން ޑރ. މުނައްވަރު ކުރިއަށް ގެންދަވާ ކެމްޕޭނުގައި ރޭ މައިގަނޑު ގޮތެއްގައި އިގުތިސާދީ ކަންކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ޕްލޭން ކުރަން ޖެހިފައިވާ ކަމަށާއި އެކަން އެހެން ނުވުމުގެ ސަބަބުން ރާއްޖެ މިހާރު މިއޮތީ މައިގަނޑު ގޮތެއްގައި ބޭރުގެ އިންވެސްޓަރުން ނަގާކިޔާ ޓޫރިޒަމްގެ މައްޗަށް ބިނާވެފައި ކަމަށެވެ.
އައްޑު އަތޮޅަށް އުފަން ޑރ. މުނައްވަރަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ރޭގެ ޖަލްސާ އަށް ހާޒިރުވެފައިވެ އެވެ. މިޖަލްސާގައި އާންމުން އޭނާއާ ކުރި ސުވާލުތަކަށް ޑރ. މުނައްވަރު ޖަވާބު ވެސް ދެއްވި އެވެ.
އަންނަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުނައްވަރުގެ ކެމްޕޭން އައްޑު އަތޮޅުގައި ކުރިއަށް ގެންދިއުމަށްޓަކައި މިއަތޮޅުގެ ބައެއް ރަށްރަށުގައި އޭނާގެ ކެމްޕޭނު އޮފީސްތައް ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ.
ޑރ. މުނައްވަރުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމެރީސް އަށް ވާދަކުރައްވާ މުހައްމަދު ނަޝީދު( އަންނި) ވެސް ވަނީ މީގެ ކުރިން އޭނާގެ ކެމްޕޭނު މިއަތޮޅުގައި ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ