އަބްދުﷲ ގާޒީ ހައްޔަރުކުރަން ސީޕީއަށް އަމުރުކުރި ކަމެއް ނޭނގޭ: އަތީފް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަށް އެއްވެސް ފަރާތަކުން އަމުރުކުރެއްވި ކަން އެނގިވަޑައިނުގަންނަވާ ކަމުގައި ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އިސްމާއިލް އަތީފް ވިދާޅުވެއްޖެ އެވެ.
އަތީފް މިހެން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމްގެ މައްސަލައިގެ މިއަދު އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.
އޭނާ މިއަދު ހެކިބަސް ދެއްވާފައިވަނީ ބ. އޭދަފުށި ކޯޓުގައި ހުންނަވައިގެން ފޯން މެދުވެރިކޮށެވެ.
އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރެއްވި ކަން އޭނާއާ އެނގިވަޑައިގަތީ ވެސް އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބެހެއްޓެވި ފަހުން ކަމަށެވެ.
އަބްދުﷲ ގާޒީގެ މައްސަލާގައި ތަހުގީގަށް އެއްވެސް ފަރާތަކަށް ބަޔާނެއް ދެންނެވިންތޯ ދައުލަތުގެ ވަކީލު ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެފަަދަ ކަމެއް ކުރެވުނު ހަނދާން މިހާރު ނެތް ކަމަށެވެ.
އަތީފް ހެކިބަސް ދެއްވުމުން ތޮލަހަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި އަތީފްއާ އެއްވެސް ސުވާލެއް ނުކުރައްވަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ދައުވާކޮށްފައި ވަނީ ތޮލަހަތުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީއާ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެެވެ.
މި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ނަޝީދުގެ މައްޗަށް މިހާރު ދަނީ އެ ހުކުމް ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ