މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދޭން އުމަރު އެދިވަޑައިގެންފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އެދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އުމަރުގެ މައްސަަލަ ބައްލަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ. އެނގިފައިވާ ގޮތުގައި އުމަރު މި މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އެދިވަޑައިގެންނެވީ ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ހައްގު ގެއްލޭނެ ކަމަށް ވިދާޅުވެ އެވެ.
އުމަރު މިގޮތަށް އެދިވަޑައިގެންފައިވާއިރު އުމަރުގެ މައްޗަށް ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން އުމަރު ފާހަގަ ކުރެއްވި އިޖްރާއީ ނުކުތާ ބަލައި ނުގަންނަ ކަމަށް ގާޒީ އަބްދުﷲ ދީދީ ވަނީ އެންމެފަހުން މި މައްސަލައިގަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމާފަ އެވެ. އަދި އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ ނިންމުން ލިޔުމުން ދިނުމަށް އުމަރުގެ ފަރާތުން އެދުނު ނަމަވެސް، ލިޔުމުން ނިންމުން ދިނުމަށް ވެސް ގާޒީ އަބްދުﷲ ދީދީ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.    
ދައުލަތުން އުމަރުގެ މައްޗަށް އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ހަރުގަނޑު ބަހައްޓައިގެން ވަނުމަށް ގޮވާލި މައްސަލައިގަ އެވެ.
އެމްއެމްއޭ ސަރަހައްދުގައި ހުރެ އުމަރު ގޮވާލައްވާފައި ވަނީ ސިފައިންގެ މަރުކަޒުގެ ބޭރުގައި ހަރުގަނޑު ލައްގައިގެން އެތަނަށް މީހުން ވަނުމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އުމަރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދަން މަސައްކަތްކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ