"އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ޤަވާއިދު"އިފްތިތާޙު ކޮށްފި

"އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާނި ޒާމުތައް ނެޓްމީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ޤަވާއިދު" މިއަދު އިފްތިތާޙު ކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޤަވާއިދު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް އެވެ.
މި ޤަވާއިދު އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމް ވިދާޅުވީ މިއަދު މި އިފްތިތާހުކުރެވުނު އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުޞޫލުން ކަރަންޓު ވިއުގައަށް ގުޅާލުމާބެހޭ ޤަވާއިދަކީ އިޢާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް މިހާތަނަށް ކުރެވިގެންދާ އެންމެ ބޮޑު އެއްމަސައްކަތް ކަމަށާއި މިމަސައްކަތުގެ ސަބަބުން ކުރިއަށް އޮތް މަދުދުވަސް ތަކުގެ ތެރޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީވެ އާއްމުންނަށް މަންފާ ކުރާނެ ފުރުޞަތު މިޤަވާއިދުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
ހަކަތައަކީ ޒަމާނީ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ބޭނުން، އަދި ހަމަ އެހާމެ އަގުވެސް ބޮޑު އެއްޗެއް ކަމަށާއ، މި ރާއްޖޭގައިވެސް ހަކަތަ ބޭނުންކުރާ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި އަދި އެ ރާއްޖެއަކީ މުޅިންހެން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާ ވެފައިވާ ޤައުމަކަށްވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރަމުން ދާކަމަށާއި ރާއްޖޭގެ ޖީޑީޕީ ގެ 20 އިންސައްތަ އާ އެއްވަރުގެ ޢަދަދެއް ދަނީ ތެޔޮ އެތެރެކުރުމަށް ޚަރަދުކުރަމުން ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ސަރުކާރުގެ ސާފު ހަކަތައިން އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ ވަޢުދުގެ ތެރެއިން މިސަރުކާރުގެ 2 އަހަރު ތެރޭގައި މިހާރުވާނީ 2 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރެވިފައިވާކަމަށާއި މި ނިމިގެންދާ 2015 ވަނަ އަހަރުގެ ތެރޭގައިވެސް ވާނީ އިތުރު 4 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މި ޤަވާއިދުގެ ސަބަބުން ފަންނީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، ޚާޢްޞަގޮތެއްގައި ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތަކާ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެކަމަށެވެ.
ނެޓް މީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބުމުން، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުންބޭނުންވާ ޖުމުލަ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެންއަމިއްލައަށް އުފައްދައި، އެ އުފެއްދި ކަރަންޓުން ބޭނުންނުކޮށް އިތުރުވާބައި،ކަރަންޓުގެ ޚިދުމަތްދޭ ފަރާތުގެޑިސްޓްރިބިއުޝަން ވިއުގައަށް ފޮނުވުމުގެ ފުރުސަތު ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެއެވެ.
އެހެންކަމުން ވިއުގައަށް ފޮނުވޭ ކަރަންޓު ޔުނިޓްގެ އަދަދު، ކަރަންޓު ބިލުން އުނިކުރެވިގެންދާނެއެވެ. އަދި އަމިއްލައަށް އުފައްދައި ވިއުގައަށް ފޮނުވާ ކަރަންޓު ޔުނިޓްގެ އަދަދު ބިލުން އުނިވެގެން ދިއުމުން، ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ކަރަންޓު ބިލަށް ފައިސާ ދައްކަންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ